ނަފްރަތު އުފެދޭ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ސަރުކާރުން ބަލައި ނުގަނެވޭކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި އުޝާމް ވިދާޅުވީ ދިވެހިން އިޖްތިމާޢީ ފޭރާމާއި ދިވެހިން އަމިއްލަވަންތަކަން އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފުވާ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަށް ކަށަވަރުކުރާނީ، މި އަސާސީ އުސޫލުތަކާ އެއްގޮތަށް، ދުސްތޫރީ އޮނިގަނޑަށާއި، ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ ބައިވެރިވާ މުޢާހަދާތަކަށް އިޙްތިރާމްކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާގޮތަށް ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާ ބަންޑާރަ ނައިބު ވިދާޅުވީ، ގާނޫނު އަސާސީން ކޮންމެ ފަރުދަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގުތައް ސަރުކާރުން ހިމާޔަތްކުރާނެ ކަމަށެވެ. ނަމަވެސް މިގޮތަށް ކުރެވޭ ކަންކަމުގައި ގައުމުގެ ހަމަޖެހުން ނަގާލައި، ނަފްރަތު އުފެދޭ ވާހަކަތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވަނީ ޝަރުއީ ދައިރާއާއި އަދި އެހެނިހެން ބައެއް ދާއިރާތަކުން ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޝަރުއީ ދައިރާގައި ހާސިލްކުރަން ކަނޑައަޅާފައިވާ ގައުމީ އަމާޒަށްވުރެ އިތުރަށް އަންހެން ފަނޑިޔާރުން ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ސިޔާސަތެއް ގައުމީ ފެންވަރެއްގައި ތަންފީޒުކުރަމުންދާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެހެން ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

