ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ އަދި ޒާތީގޮތުން އަމާޒުކޮށްގެން ކުޅެފައިވާ ފިލްމެއް ކަމަށާއި އަދި އެކަން އަމަލީ ގޮތުން ކުރުމުގައި އުޅުނީ އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެހެން މީހެއް ކަމަށް ޝަމްއާންގެ ވަކީލުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައު ދައުލަތުން ބުނީ އެ ބިދޭސީ މީހާ ހިފެހެއްޓީ ޝަމްއާންގެ ބެލުމުގެ ދަށުގައި ތިބި މުވައްޒަފުންތަކެއް ކަމަށެވެ. އަދި އެ މީހާ ދޫކުރަން ސައްހަ ނޫން ސިޓީއެއް ފޮނުވުމުން އޭނާ ދޫކޮށްލީ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އިމިގްރޭޝަންގެ މުވައްޒަފަކު އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ކާރަކަށް އަރުވައިގެން އޭނާގެ އަތުން ފައިސާ އަތުލުމަށް ފަހު، ރާއްޖެ ދޫކޮށް ދިއުމަށް އެ މީހާއަށް އެންގި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އަތުލި ފައިސާތައް ޝަމްއާންގެ ގެއަށް ގެންދިއުމުން އޭގެ ތެރެއިން ހަތަރު ލައްކަ ރުފިޔާ ޝަމްއާންގެ އަތުގައި ބެހެއްޓި ކަމަށާއި އަދި އޭނާގެ ނަމުގައި އޮތް ދެ ލޯނަކަށް އެދުވަހު ފައިސާ ދެއްކި ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
ޝަމްއާންގެ ވަކީލް ވިދާޅުވީ އެ ދައުވާއަށް ޝަމްއާން އިންކާރުކުރާ ކަމަށެވެ. އެއީ ސިޔާސީ އަދި ޒާތީގޮތުން ކުޅެފައިވާ ފިލްމެއް ކަމަށާއި އެކަން ކުރުމުގައި ހަރަކާތްތެރިވީ އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި އަހުމަދު ލައްސާން ކަމަށް ވަކީލް ވިދާޅުވިއެވެ.
ބިދޭސީންތަކެއް ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ލައްސާން ބުނުމުން އެ މައުލޫމާތު ކަށަވަރު ކުރަން ޝަމްއާން އެންގި ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އެ ބިދޭސީން ތިބި ތަނަށް ދިޔައީ ލައްސާން އަމިއްލައަށް ކަމަށް ވަކީލް ވިދާޅުވިއެވެ.
އެ އަޑުއެހުމުގައި ޝަމްއާން ބުނީ އޭނާއާ އެކު، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އޭނާ ފިޔަވައި އެހެން އެއްވެސް މީހަކު މިހާރު ބަންދުގައި ނެތް ކަމަށެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ބަންދުގައި ހުންނަން ނުޖެހޭ މީހަކު ބަންދުގައި ނުހުންނާނެ ކަމަށާއި އަދި ބަންދުން ދޫކުރި މީހުން ދޫކުރީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

