ހަނިމާދޫ ވައިގެ ބަނދަރަށް، ބޮޑެތި މަތިންދާ ބޯޓު ޖައްސާ މަންޒަރު، ބޮޑު ތިލަދުންމަތީ ރައްޔިތުން އުފާލާއިއެކީ ބަލާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލު އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޝަރީފު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވިގެން ދިޔުމާއިއެކު، އަހަރެއްގެ މައްޗަށް 1.5 މިލިއަން ފަތުރުވެރިންގެ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަމާޒާއި ހަމަޔަށް ވާސިލުވާނެ މަންޒަރު ފެނުން އޮތީ މާދުރަކު ނޫންކަމަށެވެ.
ޝަރީދު ވިދާޅުވީ، ބޮއިން- 737 މަރުކާގެ މަތިންދާ ބޯޓާއި، އޭ-320 މަރުކާގެ މަތިންދާ ބޯޓުގެ އިތުރުން ބޮޑެތި މަތިންދާ ބޯޓުތައް، ހިސާބެެއް ނެތި، ހަނިމާދޫގެ ވައިގެ ބަނދަރަށް ޖައްސާނެ މަންޒަރު، ބޮޑު ތިލަދުންމަތީގެ ރައްޔިތުން، އުފާވެރިކަމާއިއެކު ބަލާނެކަމަށެވެ. އަދި، 2.7 ކިލޯމީޓަރުގެ ދިގު ރަންވޭގައި ޖައްސާނެ މަތިންބޯޓުތަކުގެ ސަބަބުން، އުތުރުގެ ޖައްވަށް ފުރިހަމަކަން ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ސަރުކާރާއި ހަވާލުވިއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ނިމިފައިވަނީ، 28-30 އިންސައްތައަށް ކަމަށެވެ. އަދި، ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވިއިރު، ފަސިންޖަރ ޓާމިނަލާއި، ކާގޯ ޓާމިނަލާއި، ޖެޓީއާއި، ފަޔާ ސްޓޭޝަނުގެ އިތުރުން އިންޖީނުގޭގެ މަސައްކަތް ހުރީ ނުނިމިކަމަށެވެ.
ޝަރީފު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގައި، ނުނިމި ހުރި ހުރިހާ މަސައްކަތެއް ނިންމުމަށް ބާރުއަޅުއްވާ އެހީތެރިވެދެއްވި ފަރާތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށެވެ. އަދި، ރައީސްއަށް އެކަމަށްޓަކައި، ޝުކުރު އަދާކުރައްވާކަމަށެވެ.
ޝަރީފު ވިދާޅުވީ، މިނިސްޓަރ މުއްތަލިބާއި، މިނިސްޓަރުގެ ޓީމުން، އެމްއޭސީއެލްއަށާއި، އާރްއޭސީއެލްއަށް ވެދެއްވި އެހީތެރިކަމާއި ފަންނީ ލަފާގެ އިތުރުން ކޯޑިނޭޝަނަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތައިގެ މަސައްކަތް ނިންމާލެވުނީ، ވަޒީރުގެ އެހީއާއި އެކުގައިކަމަށްވެސް ޝަރީފު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެއާޕޯޓުގެ މަސައްކަތްތައް ނިންމުމުގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް، ޝަރީފު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

