ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ އަޑުއެހުން ފަސްކޮށްފިއެވެ.
މި އަޑުއެހުން ކުރިއަށް ގެންދަން ކުރިން ނިންމީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ވަނީ މި އަޑުއެހުން މި މަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އަޑުއެހުން ހުޅުވާލައިގެން ބާއްވަން ނިންމާފައިވަނީ ޕޯސްޓް ބިލްޑިންގެ ހަވަނަ ފަންގިފިލާގަ އެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހިގީގު އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ބާއްވަން ޖޭއެސްސީން ނިންމީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފައިވާތީއެވެ.
ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކެކެވެ.
އެ ކޮމިޝަނުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ވެސް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގަށް ފަހު ނިންމީ އޭނާ މަގާމުން ވަކިކުރުމަށެވެ.
މީގެއިތުރުން ސުޕްރީމްކޯޓުން އެހެން މުއައްސަސާތަކުގެ ބާރުގެތެރެއަށްވަދެ މައްސަލަތައް ނިންމާފައިވާކަމަށްބުނެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދު ﷲ ދީދީ ގެ ސުލޫކީ މައްސަލައެއްވެސް ބެލުމަށް ޖޭއެސްސީންވަނީ ނިންމާފައެވެ. އަދި މައްސަލައިގައި އުއްތަމަފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އެންގިވިނަމަވެސް އުއްތަމަފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.އެގޮތުން އުއްތަމަފަނޑިޔާރު ޖޭއެސްސީއަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ކަމަށްބުނެ ޖޭއެސްސީން ތަހުގީގު ކުރަމުންދަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަތައްކަމަށާއި އަދި އެއީ ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު ވަނީވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ށްހާޒިރުވެވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާތީ އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީންވަނީ ނިންމާފައެވެ.

