ހަމަނުޖެހުމަށް ގޮވާލައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވުން މަނާ ކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބާރު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު އެދިވަޑައިގެންފިއެވެ.
ހަމަނުޖެހުމަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިނުވުމަށް ކޮމިޝަނުން ބާރުއެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.
ހަމަނުޖެހުމަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިނުވުމަށް ސީއެސްސީން ބާރު އަޅާ ދިނުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވަނީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމާއި ގުޅޭ މައުލޫމާތު މަޖިލީހުގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާ މަޖިލީހުގެ އަމީން އާމް މަރިޔަމް ނިއުޝާ ވިދާޅުވީ ކޮންމެ ސިވިލް ސާވިސްގެ މުވައްޒަފަކަށްވެސް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިގެންވާކަން ރައީސް ނަޝީދުވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ހަމަނުހުމަށް ގޮވާލައި، ބަޔަކު ހިންގާހާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިނުވުމަށް ރައީސް ނަޝީދު ކޮމިޝަންގެ ރައީސްއަށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
ޝަމީމާއި ރައީސް ނަޝިދާއި ދެމެދު ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވައި ނިއުޝާ ވިދާޅުވީ މުވައްޒަފުންނަށް ލިބިދޭ ހައްގުތަކާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
ދީނަށް ފުރައްސާރަކޮށް، ”ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓް ކުށްވެރިކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އާއްމުންވަނީ ވަނީ މުޒާހަރާވެސް ކޮށްފައެވެ. ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ޖަމިއްޔާއާ ދެކޮޅަށް އަތޮޅު ތެރޭގެ ރަށްތަކުގައި ހިނގާލުންތައް ބާއްވަން ފަށާފައިވާއިރު އެ ރަށްތަކުގެ ރައްޔިތުން ގޮވާލާފައިވަނީ އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މީހުންނަށް ހައްގު އަދަބު ދިނުމަށެވެ. އަދި މިފަދަ ރިޕޯޓުތަކުގެ ސަބަބުން މިއަދުގެ ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރު އާއްމުން ފާހަގަކޮށްފައިވެއެވެ.
ހަމަޖެހުން ނަގާލުމަށް ގޮވާލާ ބާއްވާ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިނުވުމަށް އެންގިއިރު ފުލުހުންވެސް ވަނީ ބޮޑެތި އެއްވުންތައް ބާއްވާނަމަ އެކަމާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

