އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ބަދަލުގައި، އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ) ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަން ފެންނަކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިގޮތަށް ބުނެފައިވަނީ، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި ދިގު މުއްދަތެއް ވެގެން ދިއުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި އެތައް ދުވަހެއް ވެގެން ދިއުމަކީ އެޕާޓީން ކަންބޮޑުވާކަމެކެވެ.
ސާފު ފެން ލިބުމަކީ އަސާސީ އިންސާނީ ހައްޤަކަށް ވީ ހިނދު، ރަށުގެ ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަނަމަވެސް، މިފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދީފައި ނުވާކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ބަދަލުގައި، އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ މަންޒަރެވެ.
”މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަން ޖެހޭ ދަތިތަކަކީ ކުރިއާލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަޙައްމަލު ނުކޮށް ވާނެ ދަތިތައް،“
އެޕާޓީގެ ބަޔާނުގައިވެއެވެ.
މިފަދަ ދަތިތައް ކުރިމަތިވުމުގެ އަސްލަކީ އަސާސީ ޚިދުމަތްތަކަށް ސަމާލުކަން ނުދީ، ސިޔާސީ ހަރަކާތްތަކަށް އިސްކަންދިނުން ކަމަށް އެމްޑީޕީން ދެކެއެވެ.
ފެނުގެ ޚިދުމަތް ހުއްޓި، އަސާސީ އެތައް ކަމަކުން ފުވައްމުލަކުން ސިޓީގެ ރައްޔިތުން މަޙްރޫމުވެފައި ތިބި ދަނޑިވަޅެއްގައި ފެނުގެ ޚިދުމަތް ވަކި ވަގުތެއްގައި ލިބޭނެކަމަށް ސަރުކާރުން ބުނެ، އެ ވަގުތަށް ޚިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާޤާބިލްކަން ހާމަވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރުވެސް ދިމާވެފައިވާ ދަތިޙާލު އިތުރަށް ބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ވަނީ ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދީ، ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އެމްޑީޕީން ބުނާ ގޮތުގައި އަސާސީ ޚިދުމަތްތައް ދިނުމަށް އިސްކަންދީ، ކުންފުނިތަކުގެ ބަޖެޓު އެކަމަށް ހޭދަކުރުން މުހިންމެވެ.

