ފުވައްމުލައް ސިޓީއަށް މިހާރު ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ނުވާތީ، ފެނުގެ ރައްކާތެރިކަން ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް އެދިއްޖެއެވެ. މިކަމަށް އެދިފައިވަނީ ފެނުގެ ސާމްޕަލްތަކުގެ ޓެސްޓު ނަތީޖާ މިހާތަނަށް ލިބިފައިނުވާތީއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސިޓީގެ މޭޔަރާއި ކައުންސިލަރުން ވަނީ ފެނަކައިން ފެން އުފައްދާ ޕްލާންޓަށް ޒިޔާރާތްކޮށްފައެވެ. އަދި ފެނުގެ ރައްކާތެރިކަމާ މެދު ފެނަކައިގެ އިސްފަރާތްތަކާއެކު ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައި ނުވާތީ، އެ ނަތީޖާތައް ލިބި ރައްކާތެރިކަން ކަށަވަރުވަންދެން ފެން ދޫނުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ފުވައްމުލަކު ސިޓީއަށް ފެނުގެ މައްސަލަ ދިމާވީ މިދިޔަ ހޯމަ ދުވަހުއެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގަ އިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވިކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މި މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ކުރަން ފެށި ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
ފެނަކައިން ފުރަތަމަ 7 ގަޑިއިރުގެ ތެރޭގައި ފެން ލިބޭނެ ކަމަށް ވިދާޅުވިނަމަވެސް އެ ދުވަހު ފުވައްމުލަކަށް ފެނުގެ ހިދުމަތް ލިބިފައެއް ނުވެއެވެ. ނަމަވެސް ފެނުގެ ހިދުމަތް އަލުން ދޭން ފެށުމަށް ފަހު ވެސް، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރާ ޓެސްޓުތަކުގެ ނަތީޖާ ފާޅުކޮށްފައިނުވާތީ، ކައުންސިލުން ދަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފެނުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ.

