ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދިނުމުގެ މަޤްސަދުގައި، މީޑިއާތަކަށް ބޭނުންވާ ކޮންޓެންޓް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަށްޓަކައި، ”ނެޝަނަލް ނިއުސް އެޖެންސީ“ (އެންއެންއޭ)ގެ ނަމުގައި ޚާއްސަ ޕްލެޓްފޯމެއް ވަނީ އިފްތިތާޙުކޮށްފައެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ފެށިފައިވާ މަޝްރޫޢެކެވެ.
މިއީ ޚާއްސަކޮށް ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށިފައިވާ މުހިންމު މަސައްކަތެކެވެ. އެންއެންއޭގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ. އިފްތިތާޙުކުރުމަށް ފަހު، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކުރުމުގެ ރަސްމިއްޔާތުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނޫސްވެރިންނަށް ލިބޭނެ ފުރުޞަތުތަކާއި ކޮންޓެންޓް
މި ޕްލެޓްފޯމްގެ ސަބަބުން ދިވެހި ނޫސްވެރިކަމަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވަނީ ވިދާޅުވެފައެވެ. އެންއެންއޭގެ މައިގަނޑު އެއް މަޤްސަދަކީ، މީޑިއާތަކަށް ކޮންޓެންޓް ހޯދުމުގައި ދިމާވާ ދަތިތައް ކުޑަކުރުމެވެ. މިގޮތުން، ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި، އެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ ފަދަ މުހިންމު މައުލޫމާތުތައް މީޑިއާތަކުން ބޭނުންކުރުމަށްޓަކައި މި ޕްލެޓްފޯމް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ. ޝަމްޢާން ވިދާޅުވީ، މުސްތަޤުބަލުގައި ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.
ޕީއެސްއެމްގެ ދައުރާއި ކޮންޓެންޓް ލިބޭނެ ގޮތް
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ، ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާކުރާނެކަމަށެވެ. އެންއެންއޭ އަކީ މީޑިއާތަކަށް ބޭނުންވާ ކޮންޓެންޓްތައް ހިލޭ ފޯރުކޮށްދޭނެ ޕްލެޓްފޯމެއްގެ ގޮތުގައި ފެށި ނަމަވެސް، ޚާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕްރިމިއަމް ޕެކޭޖުތައްވެސް ހިމެނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ޚާއްސަ އިވެންޓްތަކުގެ ފުލް ކޮންޓެންޓް ނުވަތަ ވަކި ވަކި މައުޟޫޢުތަކަށް ޚާއްސަ ކޮންޓެންޓްތައް ވިޔަފާރީގެ އުޞޫލުން ލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް އެންއެންއޭގެ އަމާޒެކެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކާއި ތަމްރީނު ޕްރޮގްރާމްތައް
އެންއެންއޭގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ޕީއެސްއެމްއާ އެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށް ނަސްރީން ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހި މީޑިއާތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޚަބަރުތަކާއި ކޮންޓެންޓް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މީޑިއާ ދާއިރާގެ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި، ކުރިމަގުގައި ފަންނާ ބެހޭ ވުޒާރާއާއި ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްރޮގްރާމްތައް މީޑިއާތަކަށް ހިންގުމަށްވެސް ވަނީ ވިސްނާފައެވެ. އަދި ބައިނަލްއަޤްވާމީ އެކި މީޑިއާ އިވެންޓްތަކުން ދިވެހި ނޫސްވެރިންނަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.
ނެޝަނަލް ނިއުސް އެޖެންސީ އިފްތިތާޙުކުރުމަކީ ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ. މީގެ ސަބަބުން ޚަބަރު ހޯދުމާއި ޙިއްސާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ޕްރައިވެޓް މީޑިއާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އެންއެންއޭގެ ޒަރިއްޔާއިން، މީޑިއާ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކޮށް، ނޫސްވެރިންގެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތުތަކަކީ، މި ދާއިރާގެ ކުރިމަގަށްޓަކައި އަޅާލެވުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

