އެކަކު އަނެކަކަށް އިތުބާރުކޮށް، ފުލުހުންގެ ހިދުމަތުގެ އަގުވަޒަންކޮށް، އެ ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރ. އިންނަމާދޫ ފުލުހުންގެ މަރުކަޒު ހުޅުވުމަށާއި، މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ސީޕީ ނަވީން ފާހަގަކުރެއްވި ގޮތުގައި މުޖުތަމަޢުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ފުލުހުންނަށް އެކަނިކުރެވޭނެ ކަމެއްނޫނެވެ. އަދި ފުލުހުންގެ ހިދުމަތް މިއަދު ބައްޓަންކުރެވިފައިވަނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ދެވޭ ހިދުމަތެއްގެ ގޮތުގައިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ފުލުހުންގެ ޚިދުމަތް މިއަދު ފުޅާވަމުންދާއިރު، ފުލުހުންނާއި ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ބައެއްގެ ގޮތުގައި ދެކި، ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަމަށް ނަވީން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވިއެވެ. ”އެކުވެރިންގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އިޙްތިރާމާއި ތައުރީފުކޮށް، އެއްބައިވަންތަކަމާއި ޕްރޮފެޝެނެލިޒަމް އެކުލެވިގެންވާކަމެއްގެ ގޮތުގައި މި ހިދުމަތާމެދު ދެކެންޖެހޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް އިތުބާރުކޮށް، މި ހިދުމަތުގެ އަގުވަޒަންކޮށް، ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމު ކަނޑައަޅަންޖެހޭ. އަދި އަމަލުން ދައްކަންވެސް ޖެހޭ“
ސީޕީ ނަވީން ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަސައްވުރާއި މިޝަންގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތަކީ ރައްޔިތުންގެ ފުރާނައާއި، މުދަލާއި، ގެދޮރު ރައްކާތެރިކުރުމާއި އަދުލުވެރިކަމާއި އޯގާތެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުންކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން އެކަނި ނޫންކަމަށާއި، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށްޓަކާ ކުރެވޭ މަސައްކަތްތަކުގައިވެސް ފުލުހުންގެ ބައިވެރިވުން މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ނަވީން ވަނީ ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރާ މަސައްކަތުގައި ތެދުވެރިކަމާއި އަމަނާތްތެރިކަން އިސްކުރުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ. ފުލުހުންގެ ހިދުމަތް ބިނާވެފައިވަނީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، ޒިންމާދާރުކަމުގެ މައްޗަށްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ ފުލުހަކީވެސް ގާނޫނުތަކާއި އުސޫލުތަކަށް ވިސްނައިގެން ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ވުމަށް ނަވީން ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

