ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް އާޓިފިޝަލް ބީޗާއި ކައިރި ސަރަހައްދުގެ ޓެރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެކަމަށް ފުލުހުން ބުނެފި އެވެ.
އާޓިފިޝަލް ބީޗުގައިގައި ބާއްވާ މި ބައްދަލުވުމާއި ދިމާކޮށް، ޓްރެފިކަށް ބަދަލު ގެންނައިރު ޖަލްސާއަށް އެކި ރަށްތަކުން މީހުން ވަނީ މާލެ އައިސްފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މިރޭގެ ޖަލްސާގައި ބައިވެރިވާނެކަމަށް ލަފާކުރެވެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގާތްވެފައި ވަނިކޮށް ބާއްވާ މި ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މި ޖަލްސާގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ޕާޓީގެ ލީޑާޝިޕް ބައިވެރިވާނެ އެވެ.
އާންމުކޮށް ބޮޑެތި، ބައްދަލުވުންތަކާއި ޖަލްސާތަކާއި ދިމާކޮށް ޓްރެފިކަށް ބަދަލުތައް ގެނެ އެވެ. އެގޮތުން ޖަލްސާއައި ގުޅިގެން ގެންނަ ބަދަލުތަކާއި ބެހޭ މައުލޫމާތުތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދުގެ އިރުއޮއްސި 06:00 އިން ފެށިގެން ހަރަކާތް ނިމުމާއި ހަމަޔަށް، ޓެރެފިކް ފްލޯއަށް ބަދަލުތައް ގެނެވިފައިވާނެ އެވެ. އެގޮތުން ބޮޑުތަކުރުފާނުމަގު, ކާނިވާ ސަރަހައްދުން ފެށިގެން ޒެޓޫނީ ރެސްޓޯރެންޓާއި ހަމައަށާއި މަޖީދީމަގުގެ ވަކި ސަރަހައްދެއް އެއްކޮށް ބަންދުވާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިވަގުތުތަކުގައި، މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން ފެށިގެން އާޓިފިޝަލް ބީޗާއި ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެ އެވެ.
މީގެއިތުރުން ހެންވޭރު ދަނޑު، ގޯޅި ސަރަހައްދުން ވެސް ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ދަތުރު ނުކުރެވޭނެ އެވެ.

