ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ތިން ބާރު ފުރިހަމައަށް ތަންފީޒުކުރައްވާ ވެރިއެއްކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާޙު މިހެން ވިދާޅުވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ”ދިވެހިންގެ ރާއްޖެ“ ބޮޑު ޖަލްސާގައެވެ.
ގައުމެއް މިނިވަންވުމަށްޓަކައި އަސާސީ މުހިންމު ދެ ޝަރުތެއް އޮންނަކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، އެންމެ ފުރަތަމަ އެ ގައުމެއްގެ ސަރަހައްދު ބެލެހެއްޓޭ ވަރުގެ އަސްކަރިއްޔާއެއް އޮންނަ ގައުމަކަށް ވާންޖެހޭކަމަށެވެ.
ދެވަނަ ޝަރުތަކަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ އާމްދަނީ އިގްތިސާދީ ގޮތުން ކައިގެން ބޮއެގެން ހުރެވޭނެ މިންވަރަށް ދައުލަތެއްގައި ހަކަތަ ހުރުންކަމަށާއި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެ ދެ ޝަރުތު ވެސް އޮތީ އަށިން ބޭރަށް ވެއްޓޭ ހިސާބުގައިކަމަށެވެ.
ސޮވެރެން ޑިވެލޮޕްމެންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށް، މިއަދު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަރައްގީގެ މަޝްރޫތަކާއި މިދިޔަ ސަރުކާރުތަކުން ދަރާފައި އޮތްހާ ދަރަންޏާއި، ހުރިހާ އެއްޗެއް ދައްކަމުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 120 މިލިއަން ޑޮލަރު އެބަހުރިކަމަށް ވިދާޅުވިއެވެ.
”ހިތާމައަކީ، ރައްޔިތުން ވިސްނަންޖެހޭ ކަމަކީ. ވަރަށް ރަނގަޅު ދައުލަތެއް، ސަރުކާރެއް ގައުމެއް، ރައީސް މުއިއްޒު ކެތްތެރިކަމާއެކު ބިނާކުރައްވަމުން އެ ގެންދަވަނީ. އެމަނިކުފާނު އާއިލާއަށް ފަސް މިނެޓްގެ ވަގުތުކޮޅެއްވެސް ނުދެއްވޭނެކަން ޔަގީން. ޕާލިމެންޓްރީ ގްރޫޕާއި މުޅި ސަރުކާރުން އަދި އަޅުގަނޑު ވެސް މާތްﷲ އަށް ޝުކުރުކޮށް އުފާކުރަން ރައީސް މުއިއްޒުފަދަ އިހުލާސްތެރި، އަމާނަތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ.
ފަލާހް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ރައީސް އެ ދަނީ ރިޔާސީ ވައުދުފުޅުތައް ފުއްދަވަމުން ކަމަށާއި، އެއްވެސް ވައުދުފުޅަކާއި ހިލާފުވެފައި ނުވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ދެ އަހަރު ނުފުރެނީސް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތްކުރައްވާފައިވާ ކަމަށާއި، މިކަން ކުރެއްވުނީ ކޮން ވެރިއަކަށްތޯ ސުވާލުކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ރަށްޔިތުން އެދިވަޑައިގެން މަޝްރޫތައް ފައްޓަވައި ދެއްވާފައިވާކަމަށް ފާހަގަކޮށް، 2.5 ބިލިއަން ރުފިޔާގެ ތަަރައްގީގެ މަޝްރޫތައް ހިންގުމަށް ސޮއިކުރައްވާފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރައީސް މުއިއްޒު މަޖިލީހަށް ”އަތް ނުބާނާނެ“ ކަމަށާއި ފަނޑިޔާރުގެއަށް އެމަނިކުފާނު އަތް ބާނާނަމަ ”ވަގުންތައް“ ތިބޭނީ މާފުށީ ޖަލުގައިކަމަށެވެ. ނަމަވެސް އެންމެ ބޮޑެތި ވަގުން ވެސް މައިކުތަކުގެ ކުރިމަތީގައި ވާހަކަދައްކާ މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައީސް މުއިއްޒަކީ ތިން ބާރު ވަކިވެފައިވާ ނިޒާމް އެންމެ ރަނގަޅަށް ތަންފީޒުކުރާ ރައީސެއްކަމަށް ފަލާހް ވިދާޅުވިއެވެ.
ގެދޮރުވެރިޔާގެ ކަންކަމުގައިވެސް ރައީސް ވައުދުވެވަޑައިގަތް ގޮތަށް އެކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ފަލާހު ވިދާޅުވިއެވެ. މީގެއިތުރުން، އޭނާ ވަނީ އެމްޑީޕީގެ މެމްބަރުންނާއި އަދި އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ބިލެއް ހުށައެޅުމުން އެ ބިލު ދިރާސާ ނުކުރައްވާ ކަމަށާއި، ބަހުސް ކުރުމަށް ހުޅުވާލުމުން ދައްކަވާ ވާހަކައަކާއި ބިލަކާއި ގުޅުމެއް ނުހުންނަ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މިއީ ކުރީގެ ’އެޖެންޑާ-19‘ ނޫން ކަމަށާއި، މި މަޖިލީހުގައި މަސައްކަތް ކުރާނީ އެހެން ނޫން ކަމަށެވެ.

