ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ފަހުން ބަޔޯމެޓްރިކް ނުދޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ވަގުތުން ޑީޕޯޓު ކުރާނެ!

ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މި ސަރުކާރުން ފެށި ޕްރޮގްރާމުގައި ދިން މުއްދަތު ހަމަވެފައި ވާތީ، މާދަމާއިން ފެށިގެން ގަވައިދާ ހިލާފަށް ވިޔަފާރިކޮށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ވަގުތުން ޑީޕޯޓު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލު ކުުރުމެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓު ކުރި އެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފަ އެވެ.

މި އޮޕަރޭޝަންގެ މުއްދަތު ހަމަވެފައިވާއިރު، ސަރުކާރުން ވަނީ އެއަށް ފަހު ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނަށް އިތުރު ފުރުސަތު ދިނުމެއް ނެތި ޑީޕޯޓު ކުރާނެކަމަށް މީގެ ކުރިން ވެސް ހާމަކޮށްފަ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވީ، ރޭ އާޓިފިޝަލް ބީޗުގައި އޮތް ”ދިވެހިންގެ ރާއްޖެ“ ޖަލްސާގަ އެވެ. ރައީސް ވިދާޅުވީ ބަޔޯމެޓްރިކްސް ނެގުމުގެ އޮޕަރޭޝަންގެ މުއްދަތު ހަމަވެފައިވާތީ، ދެން ބަޔޯމެޓްރިކް މައުލޫމާތުތައް ނުދީ ތިބި ބިދޭސީން އެއީ ގަވައިދާ ހިލާފަށް އުޅެމުންދާ ބައެއް ނަމަ ވަގުތުން ޑީޕޯޓު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އެއްވެސް ސަރުކާރެއްގައި ފިޔަވަޅެއް އަޅާފައި ނެތުމުގެ ސަބަބުން ހާލަތު ދިޔައީ ދުވަހުން ދުވަހަށް ގޯސްވަމުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު އެނގޭނެ އެއްވެސް ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ނެތްކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި މަސައްކަތުގައި، މި ސަރުކާރުން އެންމެ ފުރަތަމަ ވެސް އެއްކުރަން ފެށީ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި އެ މީހުންގެ ނަމާއި މައުލޫމާތުތައް ކަމަށެވެ. އަދި މި ސަރުކާރުގެ ”އޮޕަރޭޝަން ކުރަނގި“ ތެރެއިން މިހާތަނަށް 190،823 ބިދޭސީއެއްގެ ބަޔޯމެޓްރިކް ނަގާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ސަބަބުން ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، އެ މީހުން ތިބީ ކޮންތަނެއްގައިކަމާއި، މިފަދަ ހުރިހާ މައުލޫމާތެއް އެއްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މާދަމައަށް މި ހަމަވަނީ މުއްދަތު.. މާދަމައަށް ހަމައަށް ރެޖިސްޓަރ ނުވާ.. ނޫނިއްޔާ ބަޔޯމެޓްރިކްސް ނުދޭ ވިދޭސީއަކު.. އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގަ ފެނިއްޖިއްޔާ، ވަގުތުން ޑިޕޯޓްކުރާ ގޮތަށް ހަމަޖެހިފަ… މާދަމައަށް ފަހު.. ދެން މިރާއްޖޭގަ ބަޔޯމެޓްރިކްސް ނޫނީ ޑީޓެއިލް ނުދީ އެންމެ ވިދޭސީއަކަށްވެސް ނޫޅެވޭނެ. ވަގުތުން ޑިޕޯޓްކުރާނެ..

ބަޔޯމެޓްރިކްސް ނެގުމުގެ މުއްދަތު ހަމަވުމާއެކު، މާދަމާއިން ފެށިގެން އިތުރު އޮޕަރޭޝަނެއް ފަށާނެކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. މި އޮޕަރޭޝަންގައި ބަޔޯމެޓްރިކްސް ނުދީ ނުވަތަ ރަޖިސްޓަރ ނުވެ ހުއްޓާ ފާހަގަކުރެވޭ ކޮންމެ ބިދޭސީއަކު ވަގުތުން ޑިޕޯޓްކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއަށް ފަހު، ރާއްޖޭގައި ބަޔޯމެޓްރިކްސް ނުދީ އެއްވެސް ބިދޭސީއަކަށް ވެސް އުޅެވޭނެ ގޮތެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު 9,021 ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަމަށެވެ. މި އަދަދަކީ 2018 ވަނަ އަހަރުގެ ކުރީ ސަރުކާރުން ޑިޕޯޓްކުރި އަދަދަށްވުރެ 143 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން އެހީތެރިން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ނުވަތަ އެ މީހުން ކުރާ ވިޔަފާރިތައް ކަމާއިބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: