ސަރުކާރުގެ މުސާރަތައް އެއްފަހަރާ ބޮޑުކޮށްފިނަމަ އިންފްލޭޝަން އިތުރުވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ޕޭހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް އެއްހަމަ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
ޕޭހާމަނައިޒޭޝަންއާއި ގުޅޭގޮތުން މެމްބަރުން ވަނީ، މީގެ ކުރިން އޮތް ކޮމިޓީއެއްގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީގެ ވިސްނުން ހުރި ގޮތް ވެސް ސުވާލުކޮށްފަ އެވެ. މިއަދު އެމްއެމްއޭއާއި އެކު އޮތް ބައްދަލުވުމުގައި މުސާރަ އެއްހަމަކުރުމާއި ގުޅޭގޮތުން މެމްބަރުން ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރަތައް ބޮޑުކުރެވިގެންދާއިރު، ބަޖެޓުގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ އިތުރު ބުރައެއް ކުރިމަތިވާނެ ކަމަށެވެ. މިފަދަ ބޮޑު ހަރަދެއް އެއްފަހަރާ ބަޖެޓަށް އިތުރުވުމަކީ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުނައްވަރުގެ ލަފައަކަށް ހުށަހެޅުއްވީ، މުސާރަ އިތުރުކުރުން ބަހާލައިގެން ކުރިއަށް ގެންދިއުމެވެ. އެއީ އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުމުގެ ފުރުސަތު ބޮޑުވުމުންކަމަށް މުނައްވަރު ވިދާޅުވި އެވެ.
މުސާރަ އެއްފަހަރާ ބޮޑުކޮށްފި ނަމަ މިހާރު އަންދާޒާ ކުރާ ވަރަށް ވުރެ އިތުރަށް އިންފްލޭޝަން އިތުރުވުމުގެ ފުރުސަތު ބޮޑުކަން މުނައްވަރު ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން ބާޒާރުގައި ބޭރު ފައިސާ އިތުރުވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވުން އެކަށީގެންވާކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، މުސާރަތައް އިތުރުވެގެން ދާއިރު، ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ލަފާ ދޭކަމަށް މުނައްވަރު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އެންމެ މުހިއްމު ލަފައަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިއުން. އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު ހަމަ އައުން އެކަށީގެންވޭ
މުނައްވަރު ވިދާޅުވީ ބަދަލަކާ ގުޅިގެން ފޮރިން އެކްސްޗޭންޖް މާކެޓަށް މިހާރު ކުރިމަތިވެފައިވާ ޕްރެޝަރަށް އިތުރު ޕްރެޝަރެއް އަންނާނެ ކަމަށާއި، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.
މިވަގުތު އެމްއެމްއޭއަށް ބޭރު ފައިސާ ލިބެނީ ބޭރު ފައިސާއާ ބެހޭ ގާނޫނާއި ޓެކްސް އާމްދަނީއާއި އެނޫންވެސް ގޮތްގޮތުން ލިބޭ ފައިސާއިންކަމަށްވާއިރު، ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ބޭރުން ލޯނު ހޯދަން ދަތިތައް ހުރިކަން މުނައްވަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ބޭރު ފައިސާގެ ކަންކަން ރަނގަޅު ކުރެވޭނީ ރިޒާވް އިތުރުކޮށްގެންކަމެވެ.

