އަންނަ އަހަރުގެ ބަޖެޓަކީ، ކުރީގެ އެމްޑީޕީ ސަރުކާރުން ފަށައި ނުނިންމާ ހުރި މަޝްރޫއުތަކަށް ކާނާ ދޭނެ
ބަޖެޓެއް ކަމަށެވަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅޮދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައްތާރު ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސް ކުރުމުގެ ބޭނުމެއް ނެތެވެ. އެއީ، ދާދިފަހުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި، ރައްޔިތުން އެ ބަޖެޓަށް ޖަވާބު ދެއްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ ޖަލްސާއިން ހާމަވެގެން ގޮސްފައިވަނީ، އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ރައްޔިތުންގެ ތާއީދު އޮތް ކަމެވެ. ސައްތާރު އިޝާރާތްކުރެއްވީ، ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި، ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ޕީއެންސީގެ ޖަލްސާއިން ބާރު ދެނީ އެ މާއްދާއަށް ކަމަށެވެ.
މެމްބަރު ސައްތާރު އިތުރަށް ވިދާޅުވީ، މި ބަޖެޓަކީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ފަށައި ނުނިންމާ ހުރި މަޝްރޫއުތަކަށް ކާނާ ދޭނެ
ބަޖެޓެއް ކަމަށެވެ. އަދި، އެ ޕްރޮޖެކްޓުތައް ނިންމުމަށްޓަކައި ފެން އަޅައިދޭނެ
ބަޖެޓު ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް މިހާރު ފަށައިފައި ހުރި 1800 އެއްހާ ޕްރޮޖެކްޓު ނިންމުމަށްޓަކައި، އެ ޕްރޮޖެކްޓުތަކަށް ފެން އަޅައިދޭނީ އަންނަ އަހަރުގެ ބަޖެޓުން ކަމަށް ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގައި މި ހުރިހާ ކަމެއް އެންގެން އޮތް އިރުވެސް، އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދަނީ، ވޭތުވެދިޔަ ދެ އަހަރާއި އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް އެއްވެސް އުއްމީދެއް ހުރި ބަޖެޓެއް ނޫން ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ، ހިސާބުގެ ނަމްބަރުތަކުން ދޮގެއް ނުނެރެވޭނެ ކަމަށެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާ ނަމްބަރުތަކަށް ބަލާއިރު، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުދެކޭ ވަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އަދި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، ކޮންމެ މައްސަލައަކާ ގުޅޭގޮތުން ބަޖެޓުގައި ނަމްބަރުތައް ފެންނަން އެބަހުރި ކަމަށް ސައްތާރު ވަނީ ވިދާޅުވެފައެވެ.

