2025 ވަނަ އަހަރު ނިމިގެންދާއިރު، ސަރުކާރުން ލަފާކުރި އަދަދަށް، ގައުމުގެ އިގްތިސާދު ކުރިއަރައިފައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޝަމްހީދު ވިދާޅުވީ، 2025 ނިމުމާއި ހިސާބަށް އައިއިރު، މި އަހަރު ވެގެންދިޔައީ ދައުލަތުގެ ދަރަނި، އާދަޔާ ހިލާފަށް ބޮޑުވެ، އިގްތިސާދީ ކުރިއެރުން ވަޅުޖެހުނު އަހަރަށް ކަމަށެވެ. ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ ތަރައްގީއަށް ބަޖެޓު ކުރި އެތައް ބިލިއަން ރުފިޔާ، ގޮތް ނޭންގޭ ގޮތަށް، ހޭދަކޮށް، ރައްޔިތުންގެ ތަރައްގީ އަހަރުތަކެއް ފަހަތަށް ޖައްސާލި ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މިއަދުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، 2025 ނިމޭއިރު، ކުރިން ލަފާކުރި އަދަދަށް ގައުމުގެ އިގްތިސާދު ކުރިއަރައިފައެއް ނުވާ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ 120 ބިލިއަން ރުފިޔާގެ އަދަދަށް، ކުރިއަރާނެކަމަށް ބެލެވުނު އިގްތިސާދު މި އަހަރު ނިމޭއިރު، މިހާރު ހުންނާނެ ކަމަށް ބެލެވެނީ 116 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި، ދައުލަތުގެ ފިސްކަލު ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރަށް ބަޖެޓު ކުރެވުނު، 56 ބިލިއަން ރުފިޔާ، ބަޖެޓު ހަމަޖައްސަން އިތުރަށް 21 ބިލިއަން ރުފިޔާގެ ދަރަނި ހޯދަން ޖެހިފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ދައުލަތުގެ އާމްދަނީއަށް 40-30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކުރި އަންދާޒާ، 2025 ވަނަ އަހަރު ނިމިގެންދާއިރު 37 ބިލިއަން ރުފިޔާއަށް ބަދަލުވެފައިވާ ކަމަށެވެ. އަދި، ސިނގިރޭޓު ޑިއުޓީން 1 ބިލިއަން ރުފިޔާ އިތުރު ވާނެކަމަށް ބެލެވުނު އިރު، 2025 ވަނަ އަހަރު ނިމުމަކާއި ގާތްވީއިރު، އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ، 1.6 ބިލިއަން ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ގައުމުގެ ދަރަނީގެ ވާހަކައަކީ، އެންމެވެސް ދައްކާ ވާހަކައެއް ކަމަށެވެ. އަދި، އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު، 123 ބިލިއަންގައި ހުރި ދަރަނި، މި އަހަރު ނިމޭއިރު 160 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އޭގެ މާނައަކީ ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ދައުލަތުގެ ދަރަނި، 36 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަންކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި، މި އަދަދަކީ، ރިކޯޑު އަދަދެއްކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ފެށުނީއްސުރެ، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގޮވާލަމުން ދިޔައީ، ދައުލަތުގެ ހަރަދު ކުޑަކޮށް، ދަރަނި ދެއްކުމަށް ކަމަށެވެ. އެހެންނަމަވެސް، އެންމެންނަށް ފެނިގެން ދިޔަ ކަމަކީ ދަރަނި ނުދައްކައި، ދަރަނި އިތުރުވެގެން ދިޔަ މަންޒަރުކަމަށް ޝަމްހީދު ވިދާޅުވި އެވެ.

