ދިވެހިން ދިވެހީންގެ ގޮތުގައި އޮތުމަށް، ދިވެހި ތާރީޙަކީ ކިހާ މުހިއްމު އެއްޗެއްކަން ވިސްނާ، އެ މިސްރާބަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓުލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ތަރިކަ ދިރާސާކުރުމުގެ ދާއިރާޢިން ”ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް“ ހަވާލުކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުނު އިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސާޖިދާއެވެ.
އެގޮތުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސާޖިދާ ވިދާޅުވީ ދިވެހިން ދިވެހީންގެ ގޮތުގައި، އަދި އެއްބައެއްގެ ގޮތުގައި ދެމިއޮތުމަށް، ދިވެހި ތާރީހަކީ ކިހާ މުހިއްމު އެއްޗެއްކަން ވިސްނާ، އެ މިސްރާބަށް މަސައްކަތްކުރަންޖެހޭކަމަށެވެ.
ސާޖިދާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ތާރީހީ މުއްސަނދިކަން ލިބިފައިވާ ގައުމެއް ކަމަށެވެ. ނަމަވެސް ރާއްޖޭގައި މީގެކުރީގެ އެތައް ތަރިކައެއް ނެތިގޮސް އަދި ނަައްތާލެވިފައިވުމަކީ ކަންބޮޑުވާކަމެއްކަމަށް ވިދާޅުވި އެވެ. އެގޮތުން، މައުނަވީ، އަދި މާއްދީ ތަރިކައާއި ދިވެހިންގެ އިހުގެ ވާހަކަތަކުގެެ އިތުރުން ހިރިގަލު މިސްކިތްތައް ފަދަ ބިނާތައް ނެތިގޮސްފައިވާ ތަރިކަ ތެރޭގައި ހިމެނޭކަމަށް މޭދަމް ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދިވެހި ބަހަށް ބޭރުގެ ބަސްތަކުގެ އަސަރު ފޯރަމުންދާ ކަމަށާއި، ދިވެހި ތާރީޚާއި ތަރިކަ ދޭހަނުވާ ޖީލެއް އުފެދެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެކަމަނާ ވަނީ ދިވެހިންގެ ދީނާއި ސަޤާފަތާއި، އާދަކާދައާއި ތާރީޚުގެ ވާހަކަތައް ކުރިއަށްގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ ރީތި އަޙުލާޤާއި މަސައްކަތެރިކަމާއި ހުނަރުތައް ދައްކައި، އިސްލާމީ ރިވެތި އަޙުލާޤާއި ދިވެހި އާދަކާދަތައް އަލުން ހޯދުމަށް ގޮވާލައްވާފައެވެ.
ޤައުމު އިންތިޒާރުކުރަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ވަޒަންދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހި ޖީލުތަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި ދިރާސާ ކުރުމަށް ދޫކުރި ސްކޮލަރޝިޕްތަކުގެ މަޤުޞަދަކީ ދިވެހި ޤައުމުގެ މައުނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލައި ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނުވައިދިނުން ކަމަށާއި، މިއީ ވަޒަންދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް“ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހި ސަގާފަތާއި ތަރިކައިގެ ދާއިރާއިން 40 މީހަކަށް ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ދީފައެވެ.

