ހިޔާ ފްލެޓުތައް ނިންމުމަށާއި، ވިނަރެސް ފްލެޓުތައް ގަތުމަށް ބޭންކު އޮފް މޯލްޑިވްސް އިން ނެގި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތައަށް ކުޑަ ކުރުން، އެއީ ކުރެވިދާނެކަމެއްކަމަށް ބީ.އެމް.އެލް. އިން މަޢުލޫމާތު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

