އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓުން ފެނިގެންދާ އެއް ކަމަކީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންތައްތަކަށް ހައްލު ނާންނާނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި، 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން ބަހުސްކުރައްވަމުން ދީދީ ވިދާޅުވީ، މި ބަޖެޓަކީ އެއްވެސް ރޭވުންތެރިކަމެއް، މިސްރާބެއް ނުވަތަ ސިޔާސަތެއް ނެތް އަދި އަމާޒެއް ނެތް ބަޖެޓެއް ކަމަށެވެ.
މެމްބަރު ދީދީ ވަނީ މި ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ބަޖެޓަކީ ގާނޫނުން ލާޒިމްކުރާތީ، ”އަމާ ބުނީތީ ފަރަށްދާ“ އުސޫލުން ހުށަހަޅައިގެން އުޅޭ ”ހޮޅި“ ބަޖެޓެއް ކަމަށެވެ. އަދި، ރައްޔިތުން ތަމްސީލުކުރާ، ޑިމޮކްރަޓިކް ނިޒާމެއް ހިންގާ ގައުމަކަށްވެފައި، މިއީ ޓްރާންސްޕޭރެންސީ، އެކައުންޓަބިލިޓީ އަދި ގޫޑް ގަވަނެންސްގެ އަސާސުތަކުގެ ”ޒައްރެއްގެ މިންވަރެއްވެސް“ ނެތް ބަޖެޓެއް ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.
ދީދީގެ ވާހަކަފުޅުގައި، ސަރުކާރުން ކުރިން ވެފައިވާ ވައުދުތައް ފުއްދިފައިނުވާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު، ފިނޭންސް މިނިސްޓަރާއި ސަރުކާރުގެ ވަޒީރުން އަޑަށް ބާރުލާފައި އެ ބަޖެޓަކީ ބޯހިޔާވެހިކަމުގެ ބަޖެޓެއް ކަމަށާއި، ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުމަށް ބައްޓަން ކުރެވިފައި އޮތް ބަޖެޓެއް ކަމަށް ސިފަކުރެއްވި ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން 2025 ވަނަ އަހަރަކީ އެމަނިކުފާނު ބޭނުންވާ މަސައްކަތްތައް ކުރެއްވުމަށް ޖާގަދޭ، ”އަމަލީ މަސައްކަތުގެ ބަޖެޓެއް“ ކަމަށް ހާމަކުރެއްވިކަން ދީދީ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓުގައި ހައުސިންގއަށް 1.5 ބިލިއަން ރުފިޔާ އެލޮކޭޓްކޮށްފައިވާނެ ކަމަށާއި، 58 ރަށެއްގައި 12،900 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.
ނަމަވެސް، މެމްބަރު ދީދީ ވަނީ އޭނާގެ ދާއިރާ ކަމަށްވާ އައްޑޫ ސިޓީއަށް ވެފައިވާ ވައުދުގެ ހާލަތު ބަޔާންކުރައްވައިފައެވެ. ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ، އައްޑޫގައި 1100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށެވެ. ދީދީ ވިދާޅުވީ، 2025 ވަނަ އަހަރު ނިމެން އެއް މަހަށް ވެފައިވާއިރުވެސް، އައްޑޫގައި އެ މަސައްކަތް ފެށިފައިނުވާ ކަމަށާއި، އެ ވާހަކައެއްވެސް ނުދައްކާ ކަމަށެވެ. މިކަމުން ދައްކުވައިދެނީ، 2026 ވަނަ އަހަރުގެ ބަޖެޓުންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނެކަމުގެ ބިރު ބޮޑުކަން ކަމަށް ދީދީ ވިދާޅުވިއެވެ.

