ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އަދި އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރާތްކުރައްވައި، އެސަރަހައްދުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރާތުގައި އެ ދެ ބޭފުޅުން ވަނީ އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި، އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވައިފައެވެ.
މަޖިލީހުގެ ދެ މެމްބަރުން މި ޒިޔާރާތް ކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅުންހުރި އެކި މައްސަލަތައް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ބަނދަރު ސަރަހައްދުގެ ބޭރުގައި މުދާ ބަރުކުރުމުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއަކާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މުދާ ގެއްލުނު މައްސަލައެއްގައި މުވައްޒަފުން ސަސްޕެންޑް ކުރުން ހިމެނެއެވެ.
އެމްޕީއެލްއިން ދާދި ފަހުން ހާމަކުރި ގޮތުގައި، 2025 ނޮވެންބަރު 02 ވަނަ ދުވަހު ”އެމް.ވީ ސެލެސްޓިއާ“ ބޯޓުން ލޭންޑިންގ ކްރާފްޓަކަށް މުދާ ބަރުކުރުމުގެ ތެރޭގައި އެ އުޅަނދު ބަންޑުން ޖަހާލައިގެން ވަނީ ހާދިސާއެއް ހިނގާފައެވެ. މި އޮޕަރޭޝަންގައި ދެ އެކްސްކެވޭޓަރު އެރުވުމަށް ލޭންޑިންގް ކްރާފްޓު ހަމަޖެއްސީ މުދާ އެތެރެކުރި ފަރާތުން ކަމަށްވާއިރު، އެމްޕީއެލްއިން ފާހަގަކުރާ ގޮތުގައި، އެ އުޅަނދުގެ ކައްޕިއެއްގެ މަގާމުގައި ހުރި ފަރާތަކީ އެފަދަ އޮޕަރޭޝަންތަކަށް އިރުޝާދު ދިނުމުގެ ގާބިލުކަން ހުރި މީހެއް ނޫނެވެ. އަދި އޭނާގެ އަތުގައި އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސްގެ އިތުރުން ނިޔަމި ސެޓިފިކެޓްވެސް ނެތްކަން ވަނީ އެނގިފައެވެ.
މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ މުދާ ގެއްލުނު މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެމްޕީއެލްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލައިގައި 2025 އޮކްޓޯބަރ 12 ވަނަ ދުވަހުން ފެށިގެން ފަސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކުރިއިރު، އިތުރު މުވައްޒަފަކު ވަނީ 2025 އޮކްޓޯބަރ 15 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.
މި މުދާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ ތަޙުޤީޤުތަކާއި އޮޑިޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެމްޕީއެލްއިން ބުނެފައިވަނީ ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް މި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންގެ މި ޒިޔާރަތަކީ، މިފަދަ މުހިންމު ކަންކަން ހިނގަމުންދާ ދަނޑިވަޅެއްގައި ބަނދަރުގެ ހާލަތު ވަޒަންކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

