ރާއްޖޭގެ މިލިޓްރީއަކީ ވަރުގަދަ މިލިޓްރީއަކަށް ހެދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމީ ދިފާއީ ބާރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މުހިންމު ހުރިހާ ދާއިރާއަކުން، އެމްއެންޑީއެފްގެ ކޮންމެ ދާއިރާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ ތެރޭގައި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްކުރުމާއި، ތަކެތި ހޯދައިދިނުން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިކަންކަން ކުރަންޖެހެނީ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް، މިނިވަންކަމުގެ ފަލަ ރަތް ރޮނގު ދިފާއު ކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ގައުމީ ދިފާއު ވަރުގަދަ ކުރުމަށް ކުރެވުނު އެތައް ކަމެއް ފާހަގަކުރައްވާފައެވެ.
އެގޮތުން ކޯސްޓްގާޑްގެ ފްލީޓް ދެގުނައަށް ބޮޑުކުރުމާއި، މެރިންކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއާކޯ އުފައްދާ އެއާކޯއަށް އިތުރު ކެޕޭސިޓީ އިތުރުކުރުންފަދަ ކަންކަންވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދާދިފަހުން އައްޑޫގައި އެއަރސްޓޭޝަނެއް ގާއިމްކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އައްޑޫގައި ގާއިމްކުރެވުނު އެއަރސްޓޭޝަނަކީ އެންމެ ދެކުނުގައިވާ ސްޓްރެޓިޖިކް ލޮކޭޝަނެއް ކަމަށެވެ. އަދި އެންމެ އުތުރުގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެހެންވީމާ މިސްޓޭޝަންތައް ގާއިމްކުރެވި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތަކީ އަޅުގަނޑު ހިތުން ގަބޫލުކުރާ ގޮތުގައި ދިވެހި ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް،“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ނިކަމެތި ބައެއްގެ ގޮތުގައި ދެކުމަކީ އެއްވެސް ގޮތަކަށް ރައްޔިތުންގެ ވިސްނުން ހުންނަންވާނެ ގޮތެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ގައުމުގައި ދިރިއުޅޭ މީހުންގެ އަދަދު މަދުވެދާނެ ނަމަވެސް، ރާއްޖެއަކީ ވަރަށް ދިގު އަދި ބޯދާ ހިސްޓްރީއެއް އޮތް ގައުމެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ މިލިޓްރީ ވަރުގަދަ ކުރުމަކީ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

