އިނގިރޭސިވިލާތާއި ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ސަފީރުކަމުގެ ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރ ޝާހިދު ވަނީ ވަކިވަކިން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އައު ސަފީރުންނާއި ބައްދަލު ކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ފުރަތަމަ ބައްދަލު ކުރައްވާފައިވަނީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކޮހޮނަ ވަލަވޭ ނިމާލް ދަރްމަކީރްތި ކަރުނަރަތުނަ އާއިއެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާއާއި ދެމެދުއޮޮތް ގުޅުންތައް ވަރުގަދަ ކުރުމަށް ކުރެވެޭނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވާރާކުރެވިފައެވެ. ސަފީރު ނިމާލް ދަރްމަކީރްތި ކުރިން ހުންނެވީ ސްރީލަންކާއިން މިއަންމާއަށް ކަނޑައަޅުއްވާފައި ހުނަވާ ސަފީރުގެ ގޮތުގައެވެ.
ދެވަނައަށް މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރެ ކެރޮން ރޮސްލާއާއެވެ. މީގެ ކުރިން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރެވެ. ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރިން ރާއްޖޭގައި ރެޒިޑެންޓް އެމްބެސެޑަރއެއްގެ ގޮތުގައި ސަރ ހަމްފްރީ އާރޓިންގްޓަން ޑޭވީ ދޫނިދޫގައި ހުންނެވިއެވެ.
ރާއްޖޭގައި އަލަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވާކަމަށްޓަކައި މިނިސްޓަރ ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ޝާހިދު މިއަދު ވަނީ ކިއުބާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުއާނާ އެލީނާ ރާމޯސް ރޮޑްރިގޭޒް އާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުން ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.