ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން، އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.
މި ދެ އެއާލައިންއަކީ ބަޖެޓު ނުވަތަ ލޯކޯސްޓު އެއާލައިންތަކެކެކެވެ.
ޓާމިނަލް 1 އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި، ޓާމިނަލުގައި ވަނީ ހައްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެގޮތުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމީޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
މީގެެއިތުރުން، މި ރަސްމިއްޔާތުގައި އެއާއޭޝިއާ ގުރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާހިމް އަބްދުލް ކަރީމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެލެއްވިއެވެ.
މި ރައްމިއްޔާތުގައި، ދެ އެއާލައިންގެ ޗެއިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާއޭޝިއާ މެލޭޝިޔާއިން ފުރި 135 ފަސިންޖަރުންނާއި، ތައި އެއާއޭޝިއާއިން ފުރި 144 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި، ޓާމިނަލް 1 އަސް ކައިރި ކުރި އެއާއޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓު AK074 އިން ރާއްޖެ އައި 164 ފަސިންޖަރުންނާއި ތައި އެއާއޭޝިއާގެ ފުރަތަމަ ފްލައިޓް, FD175 އިން ރާއްޖެ އައި 138 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާއޭޝިއާ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 22 އޮކްޓޫބަރު 2015 ގައެވެ. ތައި އެއާއޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 11 އޮގަސްޓް 2017 ގައެވެ.
އެއާއޭޝިއާ ގުރޫޕްގެ ދެ އެއާލައިންއާއެކު, 26 ޖުލައި 2025ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

