ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލަކީ ބޮޑު ”ޖޯކެއް“ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މި ބިލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައިރު، މެމްބަރު ފަލާހު ވަނީ އެމްޑީޕީއަށް ވަރަށް ހަރުކަށި ބަސްތަކުން ރައްދު ދެއްވާފައެވެ.
މި ބިލާއި ގުޅިގެން ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ގާނޫނު އުވާލުމަށް އެމްޑީޕީން މިހާރު ބިލެއް ހުށަހެޅުމަކީ ބޮޑު ޖޯކެއް ކަމަށާއި، މިކަމުން އެނގިގެންދަނީ އެމްޑީޕީއަކީ އެއްވެސް ލަދެއް އަދި ހަޔާތެއް ނެތް ބައެއް ކަމަށެވެ. ފަލާހު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީ ލިބިފައިވީ ނަމަވެސް، އެއްވެސް މުހިންމު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ދުވަސްވަރު، އެ ޕާޓީއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުކެރުނު ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް ފައިދާކުރަނިވި ގާނޫނުތައް ހަދާކަށް ނުވަތަ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާކަށްވެސް އެމްޑީޕީއަށް ނުކެރުނު ކަމަށެވެ. އެގޮތުން، އުވާލަން ޖެހޭ ގާނޫނުތައް އުވާލާކަށްވެސް އެމްޑީޕީއަށް ނުކެރުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ އެމްޑީޕީ ސަރުކާރުގައި ހިންގި ވައްކަމުގެ މައްސަލަތައް ބަލާކަށް ނުކެރުނު ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ފަލާހު ވިދާޅުވީ، މިހާރު އެމްޑީޕީގެ މެމްބަރުން ވެސް އެ ޕާޓީއަށް ކުރެވުނު ގޯސްތަކަށް އިޝާރާތްކޮށް، ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ”މިފަދަ ހުރިހާ އެއްޗެއް ވިދާޅުވަނީ، ތިމަންނާމެންނަ ހެދުނު ވަރަށް ބޮޑު ގޯހެކޭ… މިކަން ނިންމާ ނުލައި ބޭއްވުނު ކަމަކީ…“ ފަލާހު ވިދާޅުވިއެވެ. އޭނާ ވަނީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުން ފަދަ މުހިންމު ކަންކަންވެސް ނުނިމި ބޭއްވުނު ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވާފައެވެ.

