ދައުލަތުގެ ހުއްދަ ހޯދުމަކާއި ނުލައި، ސުލްހަވެރިކަމާއިއެކު، އެއްވެ އުޅުމުގެ މިނިވަންކަމަކީ، ކޮންމެ ފަރާތަކަށް ލިބިގެންވާ ހައްގެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރައްވަމުން، މެމްބަރު މައުރޫފު ވިދާޅުވީ، ސުލްވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަަމުގެ ގާނޫނުގެ ނަމުގައި، 2013ގައި ހަދައިފައިވާ ގާނޫނު އުވާލުމަށް، މެމްބަރު މީކައިލު ހުށަހަޅައިފައިވާ ބިލަށް ތާއިދުކުރާކަމަށް ވިދާޅުވިއެވެ.
މެމްބަރު މައުރޫފު ވިދާޅުވީ، ފެހި ގާނޫނު އަސާސީއަށް ތަބާވެ، މި ގާނޫނު އަސާސީގައި ލިޔެފައިވާ މާއްދާތަކަށް ތަބާވެ އަދި ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ތަރުތީބުކޮށް، އަތުރާލެވިފައި ހުރި ހައްގުތަކުގެ ވާހަކަތައް ދައްކަމުންދާއިރު، މިފަދަ ގާނޫނެއް އުވާލަން ހުށަހެޅުނީމާ، މިއާއި ދެކޮޅަށް ނިކުމެ ވާހަކަ ދައްކާ ފަރާތްތަކާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ.
މައުރޫފު ވިދާޅުވީ، ކޮން އިރެއްގެ، ކޮންކަހަލަ، ބޯދާ ވިސްނުމެއްގެ ބައެއްތޯ މިވާހަތައް ދައްކަނީ، އެބަ ވިސްނާލަންޖެހޭކަމަށެވެ.
މައުރޫފު ވިދާޅުވީ، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ލިޔެފައި އޮންނަނީ، ދައުލަތުގެ ހުއްދަ ހޯދުމަކާއި ނުލައި، ސުލްހަވެރިކަމާއިއެކު، އެއްވެ އުޅުމުގެ މިނިވަންކަމަކީ، ކޮންމެ ފަރާތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި، މި ވާހަކަ ގާނޫނު އަސާސީގައި ލިޔެވިފައި އޮތް އިރު، ހައްދެއް ސުމާރެއް ނެތް މިންވަރަށް މުޒާހަރާކޮށް، ހަޅުތާޅު ކުރެވެން ޖާގަ ލިބިގެންދާ ކަމަށް މައުރޫފު ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ، ގާނޫނު އަސާސީއަކީ، ހަޅުތާލު ކުރުމުގެ ގާނޫނު އަސާސީ ކަމަށެވެ. އަދި، ރާއްޖޭގައި މުޒާހަރާކޮށް، އަޑުއުފުލުމުގެ ހައްގު ނެތި، ދިވެހި ރައްޔިތުން އަޅުންގެ ގޮތުގައި ތިއްބާ، ގާނޫނު އަސާސީ ވުޖޫދަށް އައުމުން، ދިވެހި ރައްޔިތުންނަށް އެ މިނިވަންކަން ލިބުނު ކަމަށެވެ.
އެހެންނަމަވެސް، މިއަދު ފެންނަނީ، ގާނޫނު އަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތައް ނިގުޅައިގަންނަ އުސޫލަކުން، ގާނޫނުތައް ހެދާ މަންޒަރުކަމަށެވެ. އަދި، އެ ގާނޫނުތައް އިސްލާހުކޮށް ނުވަތަ އުވާލަން ހުށަހެޅީމާ، ”ޖަންގަލީގެ“ ވިސްނުމުން ނިކުމެ ވާހަކަ ދައްކާކަމަށް ވިދާޅުވެ، މައުރޫފު އިޝާރާތްކުރެއްވި، ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށެވެ.
މެމްބަރު މައުރޫފު ވަނީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމާއިއެކު، އެއާއި ދެކޮޅަށް ވާހަކަ ދެއްކި ފަރާތްތަކީ ކޮން ތާކުން އައި ”ގަދީމީ“ ބައެއް ކަމާ މެދު ސުވާލު އުފައްދަވައިފައެވެ.

