ރައްޔިތުންގެ މަޖިލީހުގެ މެމަބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާނީ ދާއިރާގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. މި އިސްލާހު ބަލައިގަތުމަށް ފެންނަކަމަށް 56 މެމްބަރަކު ވޯޓުން ދިންއިރު، ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައި ނުވެއެވެ.
މި އިސްލާހާއި މެދު ޕީއެންސީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތެވެ.
އިސްލާހު ހުށަހެޅުއްވި ޝުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކުރާ ހާލަތުގައި ވެސް އެންމެ ފަހުގެ ބަސް ރައްޔިތުން ބުނާނެ ގޮތަށް ގެންނަ އިސްލާހަކީ ރައްޔިތުން ބާރުވެރިކޮށް، ގޮތް ނިންމުމުގެ ފުރުސަތު ދިނުމަށް ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ގެންނަ ބަދަލެއްކަމަށެވެ. ނަމަވެސް، ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕާޓީއަކުން މެންބަރަކު ވަކިވުމުން ގޮނޑި ގެއްލޭނެކަމަށާއި، އަލުން ރައްޔިތުންގެ ގާތަށް ދާން ޖެހޭނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އިސްލާހާއި ދެކޮޅު ހެދި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވެސް ވަނީ މިއީ ހަރަދުތައް ބޮޑުވާނެ ސަބަބެއްކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ސަބަބުން ގާނޫނުއަސާސީގެ ކަންކަން ފުރިހަމަ ކުރުމަށް ހުރަސްއެޅޭކަމަށް ވިދާޅުވި އެވެ.
މަޖިލީހަށް މި އިސްލާހު ހުށަހަޅާ ބޭނުމެއްކަމަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިކުރެވޭ ހާލަތުގައި އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ޤާނޫނުއަސާސީން ލާޒިމުކުރާ އަތޮޅު ކައުންސިލްތައް އުފެއްދުމުގެ މާއްދާ އުވާލުމެވެ.
އިސްލާހުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ޅ) ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، އެ މެމްބަރަކު އިންތިހާބުވީ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ނަގާ އާންމު ވޯޓެއްގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.
މި މާއްދާގެ (ކ) ގައި ބަޔާންކުރާ ގޮތުގެމަތިން ނަގާ އާންމު ވޯޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ސިޔާސީ ޕާޓީއެއްގެ އިތުރުން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް އިސްލާހުގައި ވެއެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ގާނޫނުއަސާސީގައި ހިމެނީ މި ދައުރުގަ އެވެ.
މި އިސްލާހާއި ދެކޮޅަށް އޭރު ގިނަ ބަޔަކު އަޑުއުފުލިއިރު، އޭގެ ތެރޭގައި ގާނޫނީ ވަކީލުންނާއި ކުރީގެ ބަންޑާރަ ނައިބުން ހިމެނެ އެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް އެއް ދުވަހުން ނިންމައި، ހަމަ އެ ދުވަހު ފާސްކުރުމަކީ ބެސްޓް ޕްރެކްޓިސްއެއް ނޫންކަން ވަނީ ފާޙަގަކޮށްފަ އެވެ. އެހެން ނަމަވެސް އޭރު މި އިސްލާހާއި ދެކޮޅު ހެދި އެމްޑީޕީ ވެސް ގޮވާލީ، ގޮނޑި ގެއްލޭ އިސްލާހާއި އެކު ރީކޯލް ވޯޓެއް ނެގުން ހިމެނުމަށެވެ.

