ދިވެހިރާއްޖެއިން ހުރިހާ ގައުމަކާއި އެކު ގުޅުން ބަދަހިކޮށް، ގާތްކަން އިތުރުކުރަމުން އަންނަ ކަމަށާއި، މި ގުޅުންތަކުގެ ތެރެއިން ރާއްޖެއަށް ފައިދާކުރަނިވި ގިނަ ކަންކަން ހާސިލް ކުރެވޭނެކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ރައީސް މުއިއްޒާއި އެކު ދެ އަހަރު“ ކަވަރޭޖަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި ސަރުކާރުގެ މި ދެ އަހަރުގެ ތެރޭގައި ބޭރުގެ ގައުމުތަކާއި އެކު ގާއިމު ކުރެވުނު ގުޅުންތަކާއި، އޭގެ ކާމިޔާބީއާއި ގުޅޭގޮތުން ސުވާލު ކުރުމުން ޚަލީލް ވިދާޅުވީ ބޭރު ދުނިޔެއިން ރާއްޖެއާއި މެދު ދެކޭ ގޮތަށް ވަރަށް ބޮޑު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. ޚަލީލް ފާހަގަކުރެއްވި ގޮތުގައި، އަވަށްޓެރި ގައުމުތަކާއި އެކު ރާއްޖެއަށް ޒަމާންވީ ގުޅުންތަކެއް އެބައޮތެވެ. އެގޮތުން، އެންމެ އަވަށްޓެރި ގައުމުކަމަށްވާ އިންޑިއާއަކީ ދިވެހިރާއްޖެއަށް ފެށުނީއްސުރެ އެންމެ ބޮޑަށް އެހީތެރިވެދޭ ގައުމުކަމަށާއި، ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އަންނަ ގައުމަކީ އެއީކަމަށް ވިދާޅުވި އެވެ.
އިންޑިއާއާއި ރާއްޖެއާ ދޭތެރޭ ޒަމާންވީ ވަރަށް ގާތް ގުޅުންތަކެއް އޮތްއިރު، ދިވެހިންނަށް ބޭސްފަރުވާއާއި ވިޔަފާރީގެ ކަންކަމުގައި އިންޑިއާއަށް ގިނައިން ދަތުރުކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. ހަމަ އެގޮތަށް ސްރީލަންކާއާއި ދިވެހި ރައްޔިތުންނާއި ދެމެދު ވެސް މިފަދަ ގާތް ގުޅުންތަކެއް ގާއިމުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއޒުގެ ސަރުކާރުން، މީގެ ކުރިން ގުޅުންތައް އެހާ ވަރުގަދަ ނޫން ގައުމުތަކާއި އެކުވެސް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ޚަލީލް ވިދާޅުވި އެވެ. އެގޮތުން، އަޒަރުބައިޖާނަށް ރައީސް މުއިއްޒު COP29 އަށް ކުރެއްވި ދަތުރުފުޅަށްފަހުގައި، ދެ ގައުމުގެ ރައީސުންނާ ދެމެދު ވަރަށް ގާތް ގުޅުންތަކެއް ބިނާވެގެން ގޮސްފައިވާ ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ބޭއްވޭ ބައްދަލުވުންތަކުގައި ދެބޭފުޅުން ބައްދަލުކުރައްވައި ވާހަކަތައް ހިއްސާ ކުރައްވާކަމަށް ވިދާޅުވިއެވެ. މި ގުޅުންތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ފައިދާވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކީ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނެ މުސްތަގުބަލުގައި އަނެއްކަވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް އިރާދުކުރެއްވިއްޔާ ލުއިތަކެއް އަންނަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދާނެ… އަޅުގަނޑުމެންގެ ދަރިވަރުން އިތުރަށް ކިޔަވަން އެ ގައުމަށް ފޮނުވޭ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދާނެ… އެހެންވީމަ މިކަހަލަ ވަރަށް ގިނަ މި ކަންތައްތަކެއް އާ ގައުމުތަކާ އެއްކޮށް އަޅުގަނޑުމެންނަށް ކުރިއަށް އެބަގެންދެވޭ.
އިތުރު އެހެން ގައުމެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ މިސްރެވެ. އެ ގައުމާއި ދެމެދު އޮތް ގުޅުމަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައިނަމަވެސް މިފަހުން އެ ގައުމަށް ދަތުރުކުރައްވައި އެކި ފަރާތްތަކާއި ބައްދަލުކުރިކަމަށް ޚަލީލް ވިދާޅުވި އެވެ.
މިނިސްޓްރީގެ އިސްވެރިންނާއި އެކު ކުރި މި ދަތުރުފުން ފެނިގެން ދިޔައީ، ރާއްޖެއަށް މިސްރުން އޮތް ލޯބިކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން، މުސްތަގުބަލުގައި ދިވެހި ދަރިވަރުންނަށް މިސްރުގައި ކިޔެވުމަށް ލުއިތަކެއް ލިބި، އިތުރު ދަރިވަރުން އެ ގައުމަށް ފޮނުވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސެންޓްރަލް އޭޝިއާ ގައުމުތަކާއި ގުޅޭގޮތުން ޚަލީލް ވިދާޅުވީ، މި ސަރަހައްދުގައި ގިނަ އަދަދެއްގެ އިސްލާމީ ގައުމުތައް ހިމެނޭ ކަމަށެވެ. އެގޮތުން ތަޖިކިސްތާނުގެ ރައީސާއި ރައީސް މުއިއްޒު ދެމެދު ގާތް ގުޅުންތައް ގާއިމުވެފައިވާ ކަމަށާއި، ތަޖިކިސްތާނުގެ ފޮރިން މިނިސްޓްރީއާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު ވަރަށް ގާތް ގުޅުމެއް އެބައޮތްކަމަށް ފާހަގަކުރެއްވިއެވެ. މިއީ މީގެ ކުރިން މާ ގާތް ގުޅުންތަކެއް ނެތް ސަރަހައްދުތަކެއް ކަމުގައި ވެސް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި މީގެ ކުރިން ގުުޅުމެއް ނެތް އެތައް ގައުމުތަކަކަށް، އޭގެ ތެރޭގައި ކެރީބިއަންގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި މެދުތެރޭ އޭޝިއާ ހިމެނޭހެން، ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ވަރުގަދަވެ ފުޅާވެގެންދާނެ މަންޒަރު ފެނިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް މުޅި ދުނިޔޭގެ މައިދާނުގައި ލިބޭނެ ކުރިއެރުންތައް އިތުރުވެ، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާކުރާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

