ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އޮތީ މަދުބަޔަކު ބޭނުންވެއްޖެ ނަމަ، ޕާޓީން ވަކިކޮށް މެމްބަރުކަމުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު މިހާރު އޮތް ގޮތުން، ޕާޓީއެއްގެ ތެރޭގައި ތިބޭ މަދު ބަޔަކު ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީއަކުން ވަކުކޮށް ގޮނޑި ގެއްލުވާލެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުން ގެންދާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާއެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، އެ މެމްބަރަކު އިންތިހާބުވީ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ނަގާ އާންމު ވޯޓެއްގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.

ބިލުގެ ބަހުސްގައި އަޒާން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާއި އެކު އެ ހާލަތު ބަދަލުވެ، މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާނީ ރައްޔިތުންކަމަށެވެ.

ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ކުރައްވައި އަޒާން ވިދާޅުވީ މެމްބަރުން އެންމެ ފުރަތަމަ ޖަވާބުދާރީވާން ޖެހޭ ބަޔަކީ ރައްޔިތުން ކަމަށެވެ، އަދި އެ މެމްބަރުން މަޖިލީހަށް ހޮވި، ދާއިރާއަށް ގޮނޑިއާއި މެދު ގޮތް ނިންމުމުގައި ބަސް ބުނެވެން ޖެހޭނެކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ އިސްލާހާއި އެކު އެކަމަށް ބަދަލު އަންނާނެކަމަށާއި، ގާނޫނު މިހާރު އޮތް ގޮތުން ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައި ވެސް ގޮނޑި ގެއްލުވާލެވޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ބައެއް.. އެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގައި ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ބަހެއް ބުނެވެންޖެހޭނެ.. މި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް އެ ފުރުސަތު ލިބިގެންދާނެ. މިހާރު ގާނޫނު އޮތް ގޮތުން ޕާޓީން ބޭނުންވެއްޖިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި އެބަ ކުރެވޭ… އެ ޕާޓީގައި ތިބޭ ދެތިން ހަތަރު މީހަކަށް މެންބަރުންގެ ގޮނޑި ދުއްވާލެވޭ… އެހެންނަމަވެސް މި އިސްލާހާއި އެކު މެންބަރުކަމުގެ ގޮނޑި ގެއްލޭނީ ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ.. އެއީ އެކަން އޮންނަންޖެހޭ ގޮތް…

އަޒާން ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން މެމްބަރުން މަޖިލީހަށް ހޮވުމަށް ފަހު 5 އަހަރު ވަންދެން ރައްޔިތުންނަށް ޖަވާބުދާރީވާކަށް ނުޖެހެއެވެ. ނަމަވެސް މި އިސްލާހާއި އެކު ރައްޔިތުންނަށް މެމްބަރުން ވަކިކުރުމުގެ ފުރުސަތު ލިބުމުން އިތުރަށް ޒިންމާދާރު ކުރުވޭކަމަށް އަޒާން ވިދަޅުވި އެވެ.

މި އިސްލާހަށް އިދިކޮޅު އެމްޑީޕީ ވެސް ތާއީދުކޮށްފައިވެއެވެ. އެންޓި ޑިފެކްޝަން ގާނޫނު ގެނައި އިރު ވެސް އެމްޑީޕީ އެންމެ ބޮޑަށް ބުނަމުން ދިޔައީ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ މީހެއްގެ ގޮނޑި ގެއްލުވާލެވޭނެކަމަށާއި، އަދި ޤާނޫނުއަސާސީއަށް އިސްލާހު ގެނައީ އަވަސް އަރުވާލައިގެން ކަމަށެވެ. އެމްޑީޕީ ވެސް ގަބޫލު ކުރަނީ، މެމްބަރުންގެ ގޮނޑި ގެއްލޭނީ ޕާޓީ ބަދަލު ކުރިޔަސް، ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: