ކައުންސިލް މެމްބަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހުޅުމާލެ ދެކުނު ދާއިރާ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް ސަރުކާރުގެ މެމްބަރުން ބުނެ އެވެ. އެހެންވެ ލާމަރުކަޒީ ނިޒާމަށް ވެސް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމަވާފަ އެވެ. އަދި އޭގެ ތެރޭގައި އާބާދީ ކުޑަ ރަށްތަކުގައި ކައުންސިލަރުންގެ އަދަދު މަދު ކުރުން ވެސް ހިމެނެ އެވެ.
ކައުންސިލް މެމްބަރުންގެ އަދަދާއި، އަތޮޅު ކައުންސިލް އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން އިސްލާހު މަޖިލީހަށް ހުށަހަޅާފައިވެއެވެ. އަދި ބިލުގެ ބަސްހުގައި ސަރުކާރުގެ މެމްބަރުން އެއަށް ތާއީދު ކުރިނަމަވެސް، އިދިކޮޅު މެމްބަރުން ވަނީ އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.
ބިލަށް ބަހުސް ކުރައްވަމުން ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމުން ދައުލަތަށް މާލީ ފައިދާއެއް ލިބޭނެ ކަމަށް ކުރެވޭ ބަހުސްގައި ހަގީގަތެއް ނެތެވެ. ޝަމްހީދު ވިދާޅުވީ، ކައުންސިލްތަކަށް ހޭދަކުރަނީ ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓުގެ އިތުރުން ކައުންސިލްތަކުން އަމިއްލައަށް ހޯދާ ފައިސާއިން ކަމަށެވެ. އެހެންކަމުން، ކައުންސިލްތަކުން ކުރާ މަސައްކަތުގެ ސަބަބުން، ދައުލަތުން ކުރަންޖެހޭ ގިނަ މަޝްރޫއުތަކެއް ކައުންސިލްތަކުން ހޯދާ ފައިސާއިން ހިންގަމުންދާތީ، ދައުލަތުގެ ބަޖެޓަށް ބޮޑު ލުއިތަކެއް ލިބިގެންދާކަމަށް ވިދާޅުވި އެވެ.
މެންބަރުންގެ އަދަދު މަދުކުރުމުން ކައުންސިލްތަކަށް އަމިއްލައަށް ފައިސާ ހޯދުމަށް އަސަރު ކުރާނެތޯއާއި، 3 މެންބަރުންނާއެކު މިހާރު ކުރާ މަސައްކަތް ކުރެވޭނެތޯ ޝަމްހީދު ސުވާލު އުފެއްދެވިއެވެ. އެއީ ހަމައެކަނި މެންބަރެއްގެ މުސާރަ އުނިވުމަކުން ދައުލަތަށް މާލީގޮތުން މަންފާވާނެކަމަށް ނިންމައިލެވޭ ވަރަށްވުރެ ބޮޑު މައްސަލައެއްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވަނީ އަތޮޅު ކައުންސިލްތަކުގެ ދައުރު ފުޅާކޮށްދިނުމަށް ވެސް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އަތޮޅު ލެވެލްގައި ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަ ހުރިކަމަށާއި، އެކަންކަން ކުރެވޭނެ ގޮތަށް އަތޮޅު ކައުންސިލްތަކުގެ ދައުރު ރަނގަޅަށް ލިޔެވިފައި ނެތް ނަމަ، އެ ދައުރު ފުޅާކޮށްދިނުން މުހިންމު ކަމަށެވެ. އަދި ކައުންސިލް މެންބަރުންގެ އަދަދާ މެދު ނިންމުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެއްވެސް ހުރަރެއް ނެތްކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ކޮންމެ 5 އަހަރަކުން ބަދަލުވާ ފަދައިން، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ބަދަލުވަމުންދާތީ، ރައްޔިތުންގެ ބަސް ހޯދައިގެން ގޮތް ނިންމުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. އަދި ގާނޫނުން ވެސް މިފަދަ ވޯޓެއް ނެގުމަށް ހުރަހެއް ނާޅާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހަށް މި އިހުތިޔާރު އެބައޮތްކަމަށް ވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.
އެހެންވީމާ، މިއަދު މި ސަރުކާރު އުފެދުނުފަހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހުރިހާ ދިމާލެއްގައި ވެސް ފަހަތަށް ފިޔަވަޅުއަޅާތަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ.. ދެންމެ ވިދާޅުވެއްޖެ ގާނޫނުގައި އޮންނަ ގޮތަށޭ ތިމަންނަމެން ކަން މި ކުރަނީ… އެހެންވީމާ، ފެންނަ ނުފެންނަ ވޯޓެއް ނަގާކަށްނުޖެހެއޭ… ގާނޫނު ހުރަހެއްނާޅާ މި ކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަކަށް… ރައީސުލްޖުމްހޫރިއްޔާ މި މަޖިލީހަށް ވެސް އެބަ އޮތް އިހުތިޔާރު މިކަމުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުން.. އެއީ ފެންނަ ނުފެންނަ ވޯޓަކަށް ދާން މި ޖެހެނީ ކޮންމެ ފަހަރަކުން، އަދަދުތައް ބަދަލުވެގެން އެބަދޭ… އެހެންވީމާ، ރައްޔިތުންލައްވައި މިހާރު ގޮތް ނިންމަންވެއްޖެ ބޭނުންވަނީ 3 ތޯ، 5 ތޯ…
ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމާއި އެކު، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ.
މިހާރު އިސްލާހު ބުނާ ގޮތުގައި، 2000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތައް ގާއިމުކުރެވޭނެއެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭނެއެވެ.
މި ބަދަލާއެކު ކޮންމެ ކައުންސިލެއްގައި އަންހެން ކައުންސިލަރެއް ހިމެނޭނެ އިންތިޒާމެއް ގާއިމުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާލާނެކަމަށް ރައީސް ވިދާޅުވި އެވެ.

