ޒަމާންތަކެއް ވަންދެން މަސްވެރިންނަށް ދިމާވަމުން ދިޔަ ދަތިތައް ނައްތާލައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއުމު ކުރެވިގެން ދިއުމަކީ މި ސަރުކާރުން ގެނެސްދިން އެންމެ ބޮޑު އެއް ލުޔަށް ވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ޝަކުވާތަކަށް ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް، އިތުރު ޑިލޭތަކެއް ނެތި ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. އަދި އެންމެ ބޮޑު އެއް މައްސަލަކަމަށްވާ، އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުން ހިމެނެ އެވެ.
މިދިޔަ ދެ އަހަރެއްގެ ތެރޭގައި މި ދާއިރާއަށް އައި ކުރިއެރުންތަކުގެ ވާހަކަ ޝިޔާމް ހިއްސާ ކުރެއްވީ ސަންގުޓީވީން ގެނެސްދިން ”ރައީސް މުއިއްޒާއި އެކު ދެ އަހަރު“ ހާއްސަ ކަވަރޭޖުގެ ތެރެއިންެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި މަސްވެރި ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު އެއްޗަކީ ފައިސާ ހޯދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްވެރި ސިނާއަތައް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ކުރީ ސަރުކާރުތަކަށް ވެސް ދެނެގަނެވިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކު އެއީ ހަރަދު ބޮޑު މަސައްކަތެއްކަމަށް ބަލައި، ސަރުކާރުތަކުން އެދެވޭ ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވާ 17،000 އަށް ވުރެ ގިނަ އާއިލާ އެބައޮތްކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންނެއް ބައިވެރިވާ ސިނާއަތެއްކަމަށާއި މީގައި 17،000 އެއްހާ އާއިލާ މި ސިނާއަތުގައި އޮތް ކަމަށެވެ. މަސްވެރިކަމަކީ އިކޮނޮމިކް ބޭސްޑް އެކްޓިވިޓީއަކަށް ވާތީއާއިއެކު މުޖްތަމައުއަށް މީގެ ފައިދާ ބެހިގެންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
”މަސްވެރި ސިނާއަތުގައި ހުރި ބޮޑެތި ގޮންޖެހުން ތަކަށް ބަލާލާއިރުގައި އަޅުގަނޑުމެންނަށް މި އިންގެނީ ދިވެހިރާއްޖޭގައި މަސްވެރިން ރަނގަޅަށް މަސް ބާނަން ފަށައިފިއްޔާމު، އައިސް ނުލިބުމުގެ ވާހަކަ އަބަދުވެސް އަޑުއިވޭ. އަހަރުތަކެއް ވަންދެއް އަޑު އިވިއްޖެ. ކޮންކަހަލަ ކެޕޭސިޓީއެއްތޯ އައިސް ދިނުމުގައި އަޅުގަނޑުމެން ބިލްޑް ކުރަންވީ ހުރި ދެނެގަނެވިފައި، އެހެންނަމަވެސް ރަނގަޅު ހައްލެ ނުހޯދި ނުދެވި މިދަނީ“
ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގެ މަހަށް، ނުވަތަ މަސްވެރި އާއިލާތަކަށް ރަނގަޅު އަގެއް ދެވޭނީ އަގުއެއްކޮށްގެން މަސްބޭރު ކުރެވިގެން ކަމަށެވެ. މުޅި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުންޏަކީ މިފްކޯ ކަމަށާއި މަސްވެރިން އެންމެ ބޮޑަށް ބަރޯސާ ވަނީވެސް އެކުންފުންޏަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިން ބާނާ މަހުގެ ބޮޑު އިންސައްތައެއް ގަންނަނީ މިފްކޯއަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ ހުރީ 50 ޓަނުގައި ކަަމަށެވެ. އެއީ މީގެ 40 އަހަރު ކުރިންވެސް ގާއިމްކުރެވިފައި ހުރި ވަސީލަތް ކަމަށް ޝިޔާމް ފަހަގަކުރެއްވިއެވެ.

