ރައްޔިތުން މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީން ވަކިވެ، އެ މެމްބަރަކު ބޭނުންގޮތަކަށް ކަންކަން ކުރާކަށް ރައްޔިތުން ބޭނުންނުވާކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ހުށަހެޅުނު ދެ އިސްލާހުގެ މައްޗަށް ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރިއިރު ތަފާތު ވިސްނުންތައް ހުރިކަން ފާހަގަކުރެވުނެވެ.
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކާ ދޭތެރޭ، 18 ވަނަ ރައްޔިތުން މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރެވުނު ކަން ފަލާހު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ ގާނޫނުގެ ސަބަބުން، 12 މެންބަރެއްގެ ގޮނޑީގެ މައްސަލަ ދެ އަހަރާ ބައި ދުވަހަށް ދިގުދެމިގެން ދިޔަ ކަމަށެވެ. އެ މުއްދަތުގައި ސުޕްރީމް ކޯޓުން ބައެއް ފަހަރު ގޮނޑި ގެއްލުނު ކަމަށް ނިންމައި، އަނެއް ބައެއް ފަހަރު ގޮނޑި ނުގެއްލޭ ކަމަށް ނިންމުމުގެ ސަބަބުން މުޅި މައްސަލަ އޮތީ ވާނުވާއެއްގެ ތެރޭގައިކަމަށް ފަލާހު ވިދާޅުވި އެވެ.
ނަމަވެސް، 19 ވަނަ ރައްޔިތުން މަޖިލީހުން އޭރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލި ނަމަވެސް، އެ މަޖިލީހުން އަނެއްކާވެސް އެފަދަ ގާނޫނެއް ފާސްކުރީކަމަށް ފަލާހު ވިދާޅުވިއެވެ. މިހާރު އޮތް ގާނޫނުންވެސް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެތޯ ނޫންތޯ ސާފުނުވާކަމަށް ފަލާހު ވިދާޅުވި އެވެ.
އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގަ އެއްވެސް ސިޔާސީ ޕާޓީއަކުން މެންބަރަކު އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރަމުންދަނިކޮށްނެއް އެއްވެސް މެންބަރަކާ ދޭތެރޭގަ، އެ ޕާޓީއެއްގެ އޮންނަ ސުލޫކީ ކޮމިޓީއަކުން ނުވަތަ އެ ކޮމިޓީއަކުން ފިޔަވަޅެއް ނާޅާނެ.. ރައްޔިތުންގެ މަޖިލިހުގެ މެންބަރަކީ ވަރަށް އަގުބޮޑު، ވަރަށް މުހިންމު ބޭފުޅަކަށް ކޮންމެ ޕާޓީއަކަސް ވެގެންދާނީ… އެހެންވީމަ އެއްވެސް ސަބަބެއް ނެތި، އެއްވެސް ހަމަ ކިރިޔާ ކަމެއްކޮށްލާ އިރަކަށް ޕާޓީން ވަކިކުރާނެ ހާލަތެއް އަންނާނެކަމަކަށް އަޅުގަނޑުމެން އެއްވެސް މެންބަރަކު ގަބޫލެއް ނުކުރާނެ.. ވަރަށް ގޯސް ހާލަތަކަށް، މި ޕާޓީއަށް، އެއް، ވަރަށް ބޮޑު، މީ، ވަރަށް ބޮޑު، މީ ޑެމޭޖުތަކެއް ދީގެން ނުވަތަ ޕާޓީގެ އުސޫލުތަކާ ޚިލާފުވެގެން ނޫންގޮތަކަށް ކުޑަވެސް ފިޔަވަޅެއް އެއްވެސް މެމްބަރަކާ ދޭތެރޭ އަޅާނެކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފަދަ ހާލަތަކަށް ގޮސްފިނަމަ ޕާޓީން ވަކިކޮށްފިކަމަށް ވަންޏާމަ ހަމަ ގޮނޑި ގެއްލޭގޮތަށް އޮތުން ރަނގަޅު. އޭގެ ބަދަލުގައި އަނެއްކާވެސް މީ ދާއިރާގެ ވޯޓަކަށް ޕެންޑަނު ޕެންޑަނު ވޯޓަކަށް ދާކަށް އަޅުގަނޑު ތާއީދެއް ނުކުރާވާހަކަ ދަންނަވާލަން.
ފަލާހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުން އިންތިހާބު ވަނީ ސިޔާސީ ޕާޓީތަކުންކަމަށާއި، ހާއްސަކޮށް ސަރުކާރު ހިންގާ ޕާޓީއަކަށް މެޖޯރިޓީ ލިބެނީ ސަރުކާރަށް އެއްބާރުލުން ދީ ކުރާ ކެމްޕެއިނުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުން ވެސް އެ މެމްބަރަކަށް ވޯޓުދީ، މަޖިލީހަށް އިންތިހާބުކުރާއިރު ޕާޓީން ވަކިވެ ބޭނުން ގޮތަކަށް އުޅެން ބޭނުން ނުވާނެކަމަށް ފަލާހު ވިދާޅުވި އެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ މަޖިލީހުގެ 20 ވަނަ ދައުރު ފެށުނީއްސުރެ، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕް ރޫޅާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ 18 ވަނަ އަދި 19 ވަނަ މަޖިލީހުގައިވެސް ސަރުކާރުގެ ޕާލިމަންޓަރީ ގްރޫޕްތައް ރޫޅާލައިގެން ބޮޑެތި ލޮޅުންތަކެއް ދިނުމަށް މަސައްކަތް ކުރެވުނު ފަދަކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
ޕާޓީން މެންބަރަކު ވަކިކުރުމުން، ގޮނޑި ގެއްލިގެން އަނެއްކާ ރައްޔިތުންގެ ރީކޯލް ވޯޓަކަށް ދާން ތާއީދު ނުކުރާކަމަށް ބައެއް މެމްބަރުން ވިދާޅުވެފައި ވާތީ އެކަމަށް ފަލާހު ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެއްވެސް ސިޔާސީ ޕާޓީއަކުން އިހުލާސްތެރިކަމާއިއެކު މަސައްކަތްކުރާ މެންބަރަކާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ އުސޫލުތަކާ ހިލާފުވެ، ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ދީފިނަމަ، އެހާހިސާބުން ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުން ރަނގަޅުކަމަށް ފަލާހު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތަށް، މެންބަރަކު ޕާޓީން ވަކިކުރުމުން ރީކޯލް ވޯޓަކަށް ދާކަށް އޭނާ ތާއީދެއް ނުކުރާކަމަށް ފަލާހު ވިދާޅުވި އެވެ.

