އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ”ކަޓް“ ނަގަން ހުށަހަޅައިފައިވާ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގަައި، 2026 ވަނަ އަހަރަށް ބަހުސް ކުރައްވަމުން މީކައިލް ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވައިފައިވާ ބަޖެޓުގެ ކޮމިޓީގެ މަސައްކަތްތައް ނިމިގެންދިޔައިރު، ފެންނަން އޮތް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، މަޖިލީސް މެމްބަރުން، އެ ބަޖެޓާއި މެދު ފާހަގަކުރައްވައިފައިވާ އެއްވެސް ކަންބޮޑުވުމަކަށް ރިއާޔަތްކޮށްފައިވާ ނުވާ މަންޒަރު ކަމަށެވެ.
މީކައިލު ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށަހަޅުއްވައިފައިވާ ބަޖެޓުން ފެނިގެންދަނީ، ސިއްހީ ހިދުމަތްތަކަށް ކުރާ ހަރަދު ކުޑަވެފައި، އަސްކަރިއްޔާއަށް ކުރާ ހަރަދު ބޮޑުވުމުން، ފެނިގެންދަނީ، ބަޖެޓުން ”ކަޓް“ ނެގުމުގެ ވިސްނުން ކަމަށެވެ.
މީކައިލް ވިދާޅުވީ، މިލިޓަރީ އިންޓަސްޓްރިއަލް ކޮމްޕްލެކްސްތަަކަށް، އެކި އެކި ކޮންޓްރެކްޓްތައް ދީގެން، ސަރުކާރަށް މިހާރު ޕީއެސްއައިޕީގެ އެކި އެކި މަޝްރޫއުތައް ނުހިންގޭތީ އެ ފޫބައްދަންވެގެން، ސަރުކާރުގެ ކެމްޕޭނަށް ކަޓް ނަގަން އުފައްދާފައި އޮތް ކަޓް ބަޖެޓެއް ކަމަށެވެ.
މީކައިލް ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގެ ޕީއެސްއައިޕީގެ ސެކްޝަނަށް ބަލާއިރު ރައީސް ޑރ. މުއިއްޒުއަށް އެޅިފައިނުވާ މޮނޯރެއިލް، ރަސްމާލެއަށް އަޅުއްވަން ބުނި، އަންޑަރ ވޯޓާ ޓަނެލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ކަމަށެވެ.
މީކައިލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަލާއިރު، އަސާސީ ބޭސް ނުލިބި ހުރި އެތައް ބަޔަކު، ބޭހަށް ޖެހިފައި މަންޒަރު، އަންނަ އަހަރަށް ސަރުކާރުން ލަފާ ކުރާ ބަޖެޓުން ފެނިގެންދާ ކަމަށެވެ.
މީގެއިތުރުން، އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ބޭސް އެތެރެކުރުން ހުއްޓާލާ، ޔޫރަޕުން ”މޮޅު“ ބޭސް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުން، އެ ބޭސް ފެންނަން ނެތް ކަމަށް މީކައިލް ވިދާޅުވިއެވެ.
މީކައިލް އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި، ފަނޑިޔާރު ގެއިން، ދިވެހި ރައްޔިތުންނަށް، އިންސާފުވެރި ހުކުމެއް އިއްވޭނެ ތަނެއް ނުފެންނަކަމަށެވެ. އެހެންނަމަވެސް، ފެންނަން އޮތް ކަމަކީ، ”ކަތިލާން ތައްޔާރުކޮށްފައި ތިބި ހައިކޯޓުގެ 5 ފަނޑިޔާރުން“ ކަމަށް މީކައިލް ވިދާޅުވިއެވެ.

