އެމްޑީޕީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ފައްޓައިދެއްވި ކަމަށާއި ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަން ހިފެހެއްޓުމަށްޓަކައި އެކި ފެންވަރުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަސައްކަތް ކުރެއްވިކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ފައްޔާޒަށް ޝުކުރުއަދާކޮށް ކުރި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފައްޔާޒް ވަރަށް އިސް ދައުރެއް އަދާކުރެއްވިކަމަށެވެ. ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ކަމަށްވީ ނަމަވެސް، ޕާޓީގެ މަސައްކަތްތަކާއި ކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ޕާޓީގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ފައްޓައިދެއްވި ކަމަށާއި އަދި، ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި ބަދަހިކަން ހިފެހެއްޓުމަށް ޓަކައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ސަރުކާރުގެ ދައުރު ނިމުމަށްފަހު، ޕާޓީގެ މަސައްކަތައް ހުރިހާ ވަގުތެއް ހޭދަކުރައްވައި، ޕާޓީއަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ރައްޔިތުން އެދޭގޮތަށް ޕާޓީގެ މިސްރާބު ސީދާކޮށް، ޕާޓީއަށް ކާމިޔާބު ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް އެތަކެއް މަސައްކަތްތަކެއް ފައްޔާޒް ކުރެއްވި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ފައްޔާޒްގެ ތާއީދާއި ހިދުމަތް އަބަދުވެސް ޕާޓީއަށް ލިބޭނެކަމަށް ޔަގީންކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ފައްޔާޒް ކޮށްދެއްވި ގިނަގުނަ އަދި އެހާމެ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަމަށް ޓަކައި، ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

