މާލީ ގޮތުން ދެކޮޅު ޖެހުމަކީ، ދެމެހެއްޓެނިވި ހިދުމަތެއްގެ އެއް ސިފަ ކަމަށް މޯލްޑިވްސް ވޯޓާ އެންޑު ސިއުވަރެޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަތީން ވިދާޅުވީ، ރާއްޖެތެރޭގެ ރަށްރަށުގަޔާއި މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތަކަކީ އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ކަމަށެވެ.
އެގޮތުން، މަޝްރޫއުތައް ހިންގުމުގައި، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަންޖެހޭ ހާލަތްތަކުގައި އެ އެސެސްމަންޓްތައް ހަދަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
މަތީން ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ކުރިއަށް ގެންދާއިރު ދެމެހެއްޓެނިވި ތަރައްގީއަކީ ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. އެއީ އިހުތިޔާރީ ކަމެއް ނޫންކަމަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށާއި، ޖުމުލަކޮށް މުޅި ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް މަތީން ވިދާޅުވިއެވެ.
އެހެންމަ އަޅުގަނޑުމެންގެ ހިދުމަތުގަ މި ޖެހެނީ ދެމެހެއްޓެނިވި އަމާޒަކަށް ވާސިލުވާން.. ދެމެހެއްޓެނިވި ގޮތެއްގަ ހިދުމަތް ފޯރުކޮށް ދިނުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ އެއްގޮތަކީ އަގުގެ ގޮތުން.. ދެމެހެއްޓެނިވި މާލީ ގޮތުން. ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ދިޔުން. އެއީ ދޭ ހިދުމަތަކީ ދެކޮޅު ޖެހޭ ހިދުމަތަކަށް ވާންޖެހޭ އެކަން ހަމަ ދައުލަތުގެ އިދާރާތަކުންވެސް. އާންމު ރައްޔިތުންވެސް… ހުރިހާ އެންމެންވެސް. ގަބޫލުކުރަންޖެހޭ. ހިދުމަތް ލިބިގަންނަ ފަރާތްތަކުންވެސް..
މަތީން ވަނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި އަމާޒަކަށް ވާސިލުވުމަށް، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ހިނގުން މުހިންމުކަމަށް ވިދާޅުވެފަ އެވެ. މިއާއި އެކު ދެވޭ ހިދުމަތަކީ ދެކޮޅު ޖެހޭ ހިދުމަތަކަށް ވާންޖެހޭ ކަމަށާއި، މިކަން ދައުލަތުގެ އިދާރާތަކުންނާއި، އާންމު ރައްޔިތުންނާއި، ހިދުމަތް ލިބިގަންނަ ފަރާތްތައް ވެސް ގަބޫލުކުރަންޖެހޭނެ ކަމުގައި އެމްޑީ ވިދާޅުވިއެވެ.
މަތީން އިތުރަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން އާންމު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭނަމަ، ދައުލަތް ދުވަހުން ދުވަހަށް ދަރަނިވެރިވަމުންދާނެ ކަމަށާއި، މިކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.
މިހާރަށް ބަލާއިރު، އަސާސީ ހިދުމަތްތަކުގައި ބޮޑު ސަބްސިޑީއެއް އޮންނައިރު، މި ސަބްސިޑީއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދޭ އެއްޗެއް ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޓެކްސް ފައިސާ ނެތް ހާލަތެއްގައި، ލޯނެއް ނަގައިގެން ސަބްސިޑީ ހަމަޖައްސާ ކަމަށާއި، އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
މާލީ ގޮތުން ދެކޮޅު ޖެހުމަކީ ދެމެހެއްޓެނިވި ހިދުމަތެއްގެ މުހިންމު ސިފައެއް ކަމަށް އެމްޑީ ހާމަކުރެއްވިއެވެ.

