ރާއްޖެއިން ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް ފަދަ ފުރުސަތުތަކުން ގައުމު ވިލުންތެރިކުރުވާ ރާއްޖޭގެ ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާވެފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، (އައިއެމްސީޓީސީ) ރާއްޖޭގެ ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކުރިއަށްގެންދާ ދެ ތަމްރީނު ޕްރޮގްރާމެއް އިފްތިތާހު ކުރުމަށް ބޭއްްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ މި ކޯލިޝަން އުފެއްދުމަށް ސައުދި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތަކީ އިސްލާމީ ގައުމުތަށް އެކުގައި މަސައްކަތް ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އިހުސާން ވިދަޅުވީ އައިއެމްސީޓީސީއާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަނީ ނިރުބަވެރިކަމުން އޮތް ނުރައްކަލަކީ ވަކި ގައުމަކަށް އެކަނި ހައްލުކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރާތީ ކަމަށެވެ.
އިހުސާން ވިދާޅުވީ އައިއެމްސީޓީސީން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އެ ޖަމާޢަތާއި ގުޅިގެން ކުރިއަށް ގެންދާ ދެ ޕްރޮގްރާމަކީވެސް ރާއްޖެއަށް މުހިންމު ދެ ޕްރޮގްރާމެއްކަމަށެވެ.
އިހުސާން ވިދާޅުވީ ސައުދި އަރަބިއްޔާގެ ރިޔާދުގައި ހުންނަ އައިއެމްސީޓީސީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ އެކަމަށް ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ފަރާތްތަކުން ދަނީ އަގުހުރި ތަޖުރިބާތަށް ހޯދާ ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މަސައްކަތެއްގައި ބައިވެރިވަމުން ކަމަށެވެ. މިކަމުން ކައުންޓަރ ޓެރަރިޒަމް އެނަލިސިސް އަދި އޮޕަރޭޝަނަލް ކެޕޭސިޓީ ބޮޑުތަނުން އިތުރުކުރެވި ސަރަހައްދީ ބައިވެރިވުން އިތުރުކުރެވިފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނަކީ އިސްލާމީ ގައުމުތައް އެކުވެ ނިރުބަވެރިކަމާއި ދެކޮޅަށް އަސްކަރީ ގޮތުން މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމާއަތެކެވެ. މިމަސައްކަތުގެ ދަށުން ރާއްޖޭގައި އެޖަމާއަތުން ހިންގާ ދެ ޕްރޮގްރާމަކީ، ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ސައިބަރ ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމާއި، އަސްކަރީ ގަބިލިއްޔަތުކަން އިތުރު ކުރުމަށް ހިންގާ އަސްކަރީ ތަމްރީން ޕްރޮގްރާމެކެވެ.
މި ދެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށް ޕްރޮގްރާމް ކުރިއަށް ގެންދަން ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

