2026 ވަނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ހުރިހާކަމެއް ހިމަނާފައިވާނެކަމަށާއި، ރާއްޖޭގެ ތާރީހުގައި ކުރިޔަށް ނުދާވަރުގެ ގިނަ ޕްރޮޖެކްޓުތައް ހިނގާ މަންޒަރު ރައްޔިތުންނަށް ފެންނާނެކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، އިބްރާހީމް ޙުސައިން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން، މެމްބަރު އިބްރާހިމް ވިދާޅުވީ އަންނަ އަހަރު ގައުމުގައި ދުވަހަކުވެސް ނުކުރެވޭ ވަރަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާނެ ކަމަށެވެ.
އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން 46.2 ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކާއިރު، މި ބަޖެޓުން ބޮޑު ބައެއް ހަރަދުކުރެވެނީ އެމްޑީޕީގެ ސަރުކާރުން ނެގި ލޯނުތައް ދެއްކުމަށް ކަމަށެވެ. އަދި ވިދާޅުވީ، ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ލޯނުތައް ނަގައި، ގައުމުގެ ރައްޔިތުން ދަރަވާލާފައި، މުޅި ގައުމު ބަނގުރޫޓުކޮށްލިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް މަސައްކަތް ފެއްޓެވީ އެކަންކަން ހައްލު ކުރެއްވުމަށް ކަމަށެވެ.
ބަޖެޓުގެ ހަރަދު ތަފްސީލުތައް ނޭނގޭކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ވިދަޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވި މަންޒަރު އެމްޑީޕީއަށް ނުފެންނަކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާކަމާއި، ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ފާހަގަކުރައްވައި، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ހިއްކާފައިވާކަމަށް ވެސް ވިދާޅުވި އެވެ. މިކަންކަން މިހާ ސާފުކޮށް ފެންނަން ހުރިއިރުވެސް، މި ބަޖެޓުން ކުރާ ކަމެއް ނޭނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެއްދުމުގެ ބޭނުމުގައިކަމަށް އޭނާ ވިދަޅުވި އެވެ.
އިބްރާހިމް ވިދާޅުވީ، 2026 ވަނަ އަހަރުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭ އެހީ 1000 ރުފިޔާއިން 3000 ރުފިޔާއަށް އިތުރުކުރެވިގެން ދާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ލިބޭ އެހީ 2000 ރުފިޔާއަށް އިތުރުކުރެވިގެން ދާނެކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އަސާސެއް ނެތްކަމަށާއި، އެމްޑީޕީ ބޭނުންވަނީ ސަރުކާރާއި ގައުމަށް ގެއްލުންދޭންކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ފާގަތި މާދަމާއެއް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް އެމްޑީޕީން ކުރާ މަންޒަރު ނުފެންނަކަމަށް ވިދާޅުވި އެވެ.
މިބޭފުޅުން އަބަދުވެސް ބޭނުންވަނީ ހުއްޖަތާ އެކި އެކި ވާހަކަތައް ދައްކައިގެން ކަންކަން ނުކުރެވޭނެ މަގަށް ރާއްޖެ ބައްޓަންކޮށް އެކަންކުރަން
މީގެއިތުރުން އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، މި ބަޖެޓަކީ ﷲގެ ތަނަވަސްކަމާއިއެކު ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނޭ ބަޖެޓެކެވެ. އަދި ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް އިންގިލާބެއް ގެނެސްދޭނެ ބަޖެޓެއް ކަމަށް ވިދާޅުވެ، 2026 ވަނަ އަހަރު ގިނަ ރައްޔިތުންނަށް ގޯއްޗާއި، ގެޔާއި، ފްލެޓު ލިބިގެންދާނެކަން ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި، ތަނަވަސްކަމާއި، އުފާވެރިކަމާއި، އިންސާފުވެރިކަމާއެކު ކަންކަން ކުރެވިގެންދިއުންކަމަށާއި މިކަން މިއަދު ފެންނަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒު ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނަވީ ވައުދު ފުއްދުމަށްޓަކައި ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އަދި ވިދާޅުވީ 2026 ވަނަ އަހަރަކީ މި ގައުމުގައި ދުވަހަކުވެސް ނުކުރެވޭ ވަރަށް ތަރައްގީގެ މަޝްރޫއު ޕްރޮޖެކްޓްތައް ހިނގަމުންދާނެ އަހަރެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ، މި ބަޖެޓުގައި ސިއްހީ ނިޒާމު ގާއިމުކުރުމަށްޓަކައި އެތައް ރަށެއްގެ ކަންތައް ރަނގަޅުކުރުމަށްޓަކައި އެތައް ކަމެއް ހިމެނިފައިވާ ކަމަށެވެ. އަދި ތައުލީމީ ނިޒާމު ގާއިމްކުރެވި، އެތައް ފުރުސަތެއް މި ބަޖެޓުން ހުޅުވާލަދެވިގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

