ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާއިން އަންހެނުންނާއި އަންހެންކުދީން ރައްކާތެރިކުރަން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ، އަންހެނުންނާއި އަންހެން ކުދިންނަށް، ގޭގައާއި، މަސައްކަތުގެ މާޙާއުލާއި، މުޖުތަމަޢު އަދި ޑިޖިޓަލް މަންސަތަކުގައި އަނިޔާއިން ރައްކާތެރި ކަމާއެކު ދިރިއުޅެވޭ ޤައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި، ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަ ކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއި ގުޅުވައިގެން މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، އަންހެނުންނާ، އަންހެން ކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއިން ސަލާމަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ޓެކުނޮލޮޖީއާއި، އާރޓިފިޝަލް އިންޓެލިޖެންސް، ވަރަށް ހަލުވި މިނެއްގައި، ކުރިއަރާފައި ވުމުގެ ސަބަބުން، މިފަދަ ޒަމާނީ ވަޞީލަތްތަކުގެ ޒަރީއާއިން އަންހެނުންނާ، އަންހެން ކުދިން އަނިޔާއަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

”އަންހެނުންނާ އަންހެން ކުދިންނަށް އަމާޒުކޮށް ޑިޖިޓަލް މަންސަތަކުގައި ކުރާ އަނިޔާ ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް“ ގޮވާލާ މި އަހަރުގެ ޝިޢާރުން، އަންހެނުންނާ އަންހެން ކުދިންނަށް ޑިޖިޓަލް މަންސަތަކުގެ ޒަރީއާއިން ހުށަހެޅޭ އަނިޔާތަކުން ރައްކާތެރި ކުރުމަށް ބާރު އެޅޭކަމަށާއި، ޓެކްނޮލޮޖީ ވާންޖެހޭނީ، މީހުންނަށް ނުރައްކާތެރި އެއްޗަކަށް ވުރެ ބޮޑަށް، މީހުން ބާރުވެރި ކުރުވާ އެއްޗަކަށް ކަމުގައިވެސް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

ދިވެހިރާއްޖޭގައި، ޤާނޫނީ ގޮތުންނާއި އިދާރީގޮތުން މި ދާއިރާއިން ކުރަމުން ގެންދާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤާނުނުލް ޢުޤޫބާތަށް ޑިސެންބަރު 2024ގައި ގެނެވުނު 6 ވަނަ އިސްލާޙުގައި، ސައިބަރ ކުށްތަކަކީ ކޮބައިކަމާ، އަދި އެ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ދެވޭނެ އަދަބު ތަފުސީލުކޮށް ބަޔާންކޮށްފައިވާކަން ރައީސުލްޖުމުހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އދ.ގެ ކޮންވެންޝަން އެގެއިންސްޓް ސައިބަރ ކްރައިމް ގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ދިވެހިރާއްޖެއިން ސޮއިކުރުމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރަމުންދާ އަނިޔާ ހުއްޓުވުމަށް އެޅުނު އިތުރުބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ޤާނޫނަށް ގެނެވޭ ބަދަލަކުން އެކަނި ނުފުދޭކަމަށާއި، ޑިޖިޓަލް އަނިޔާ އަކީ ކޮބައިކަން އުނގަންނައި ދިނުމާ، އެކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެންގެ އެއްބާރުލުމާ އެހީތެރިކަން ބޭނުންވާކަމުގައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ދިވެހި ޤައުމު ވާންޖެހޭނީ އެއްބައިވަންތަކަމާ، އޯގާތެރިކަމާއެކު ކުރިޔަށްދާ ޤައުމަކަށް ކަމަށާއި، ކޮންމެ އަންހެނަކު ނުވަތަ އަންހެން ކުއްޖަކަށްވެސް ޖިސްމާނީ ގޮތުންނާއި އަދި ޑިޖިޓަލް މަންސަ ތަކުގައި ރައްކާތެރިކަން އިޙްސާސް ކުރެވެން ޖެހޭނެ ކަމުގައެވެ.

ރައީސް ވިދާޅުވެފައިވަނީ، އަންހެނުންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަކީ، ސަރުކާރުން އަހަންމިއްޔަތުކަން ދޭނެ ކަމެއްކަމުގައެވެ. އަދި ބަވަނަ ވެފައިވާ ދުނިޔޭގައި މީސް މީޑިޔާގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކުރަމުންދާ ފުރައްސާރައިގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންނަމުންދާ ކުރިއެރުންތަކާއެކު އަންހެނުންނާ އަންހެންކުދިން ބާރުވެރި ކުރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: