އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި އެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބަޖެޓު ފާސްކޮށްފައި ވަނީ، 74 މެމްބަރުންގެ ވޯޓާއި އެކު އެވެ. ބަޖެޓާއި ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.
މާބޮޑު ބަދަލެއް ބަޖެޓަށް ގެނެސްފައި ނުވީ ނަމަވެސް، ބައެއް ދާއިރާގެ ހަރަދުތައް ހަމަޖައްސާފައި ވެއެވެ. އެގޮތުން މަޖިލީހުގެ ބަޖެޓެއްގެ ގޮތުގައި، ހިމަނާފައިވާ އަދަދަށް 3.5 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް ވަނީ ރިކަރަންޓް ހަރަދަށް އެކަށައަޅާފައެވެ. މީގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ. މި ބަޖެޓު އަމާޒުކުރެވިފައި ވަނީ ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ގައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިގްތިސާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވެއެވެ.
ބަޖެޓު ފަރުމާކުރެވިފައި ވަނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަގީގީ މާނާގައި ތަރައްގީ ގެންނާނެ ގޮތަށް ވިސްނައިގެންނެވެ.
2026 ވަނަ އަހަރަށް ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިގޮތުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. މިއީ 2025 ވަނަ އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.

