ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަނުކުރަން ފަސް ފަރާތަކަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލުމުން، 14 ބޭފުޅުންގެ ނަން ރައީސް މުއިއްޒު މަޖިލީހަސް ފޮނުއްވިއެވެ. އެގޮތުން، މިކަމަށްޓަކައި، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު)ގެ 56 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް 5 މެންބަރުން އައްޔަންކުރެއްވުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފައިވާ މައްސަލަ، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
އެހެންކަމުން، މަޖިލީހުން ރުހުން ދިން ފަރާތްތަކަށް ބަލާއިރު، ޖުޑިޝަރީ ކޮމިޓީން، އެ ފަރާތްތަކާއި އިންޓަވިއުކޮށް، އެންމެ މަތިން މާކްސް ދިން ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކަށް ވަނީ މަޖިލީހުން ރުހުން ދީފައެވެ. އެެގޮތުން، މަޖިލީހުން ރުހުން ދިން 5 ފަރާތަކީ، ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ، އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ، ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ، އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02، އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ އެވެ.
މި ފަސް ފަރާތްތަކަށް މަޖިލީހުން ރުހުންދީ، އެ ފަރާތްތައް ފާސްކުރީ، މަޖިލީހުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ވޯޓްތަކުންނެވެ. އެގޮތުން، އެ 5 ފަރާތްތަކަށް ރުހުން ލިބިގެންދިޔައީ، އެ ވޯޓުތަކުގައި ބައިވެރިވި، މަޖިލީސް މެމްބަރުންގެ އިއްތިފާގުންނެވެ.

