މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި، އެރޭ އޭނާއާއި އެކު އުޅުނު ރައްދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މިދިޔަ އޭޕްރިލް 18 ގައި މަލޭގެ އިމާރާތެއްގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ، ޖެހިގެން ހުރި ޖުދަން އިމާރާތެއްގެ މައްޗަށެވެ. އެ މައްސަލައިގައި އޭނާގެ އެކުވެރިއެއްކަމަށްވާ ރައުދުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރި އެވެ.
މައްސަލައިގައި ރައުދުގެ މައްޗަށް ކުރީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްދީފައި ނުވުމުގެ ކުށުގެ ދައުވާ އެވެ އެއީ ޔުމްނު ވެއްޓުމުން ވެސް، އެކަން އެނގިހުރެ އޭނާއަށް އެހީފޯރުކޮށް ނުދީ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާތީ އެވެ.
ރައުދުގެ މައްޗަށް އުފުލި ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި، ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް އުފުލި ދައުވާގައި ބަޔާން ކުރާ ކުށަށް އިއުތިރާފުވެފައި ވާތީ ކޯޓުން ކުރީ 27 ދުވަހުގެ ހުކުމެކެވެ. ދައުލަތުން ވެސް ރައުދުގެ އަދަބުގެ މިންވަރު މަތިކޮށްދޭން ކޯޓުގައި އެދިފައި ނުވެ އެވެ.
އެހެންވެ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 27 ދުވަހުގެ ހުކުމެއް ކުރީ އެވެ. މައްސަލައިގައި ރައްދު ވަނީ ހުކުމް ކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ. އެހެންވެ އެ މައްސަލައިގައި ދެން އޭނާ އިތުރު ޖަލު އަދަބެއް ތަންފީޒު ކުރަން ނުޖެހޭނެ އެވެ.
ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު ގެންދިޔައީ މެލޭޝިއާއަށެވެ. އަދި އޭގެ ފަހުން އޭނާގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.
މައުލޫމާތު ފޮރުވަން އުޅޭކަމަށް ފުލުހުންނަށް ކުރެވުނު ތުހުމަތުތަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އަދި އެ ކޮމިޝަނުގެ ރިޕޯޓުން ފުލުހުން ހިއްސާ ނުކުރާ ވަރަށް ގިނަ ކަންކަން އާންމުވެގެން ދިޔަ އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން، ބޮޑަށް ބުރަވެވެނީ އެރޭ ޔުމްނު ވެއްޓުނީ ކަމަށެވެ.
މި މައްސަލައިގައި އެ ކޮމިޝަނަށް ރައުދުއާއި، އެރޭ ދެ މީހުންނާއި އެކު އުޅުނު އެންމެންގެ ބަޔާން ނަގާފައި ވެއެވެ. އެހެން ނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ކޮމިޝަނަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވެއެވެ.
ހާދިސާއަށް ހަތް މަސް ވެގެން ދިޔައިރު، މައްސަލައިގައި ފުލުހުންނަށް ޔުމްނުގެ ބަޔާނެއް ލިބޭ ގޮތް ނުވެއެވެ. އަދި އާއިލާއިން ވެސް އެއްބާރުލުމެއް ނުލިބޭކަމަށް ވަނީ ބުނެފަ އެވެ.

