މި ސަރުކާރުން ކޮންމެ ކަމެއްވެސް ކުރައްވާނީ ޤާނޫނީ ޢިޖުރާޢަތުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޔޫތް މިނިސްޓްރީއިން އެމްޑީއެން އުވާލުމާއި ގުޅިގެން ކުރެއްވި ޓުވީތެއްގައެވެ. އެޓުވީޓުގައި އިމްރާން ވިދާޅުވީ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް، ޤާނޫނީ ވެރިކަން ދަމަހައްޓަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް މި ސަރުކާރުން އަޅާނެ ކަމަށެވެ.
https://twitter.com/ShimranAb/status/1191614622928785408
އެމްޑީއެން އުވާލުމާއެކު އިމްރާންއަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން މިއޮއްހާ ދުވަހު BanMDN# ޖަހައިގެން ޖަމިއްޔާ އުވާލުމަށް ކުރި މަސައްކަތް ކާމިޔާބު ވުމުން މިއޮއްހާދުވަހު ވާހަކަނުދައްކަވާ ހުންނެވުމަށްފަހު ޓުވީޓު ކުރެއްވީމާ އެކަން ބަލައިނުގަނޭނެ ކަމަށެވެ. ކަންކަން ހިނގަމުންދަނީ ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން ކަމަށް އާންމު ރައްޔިތަކު ކުރި ޓުވީޓެއްގައި ބުނެފަައިވެއެވެ.
އެމްޑީއެން އުވާލީ ރައްޔިތުންގެ ޕްރެޝަރ އަށް ކެތް ނުގެން ކަމަށާއި ޖަމިއްޔާގެ އިސްވެރިން އަދިވެސް ބޮޑު މުސާރަނަންގަވައިގެން އިސް މަޤާމުތަކުގައި އެބަތިބި ކަމަށް މީހަކު ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ.
ސަރުކާރުގައި އިޚުލާސްތެރިކަމެއް ހުރިނަމަ ބޭރުގައި ތިބި އެމްޑީއެންގެ އިސްވެރިން ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް ޝަރީޢަތް ފެއްޓުމަށް ޓުވިޓާ ތެރޭގައި ވަނީ ގޮވާލާފައެވެ.
އެމްޑީއެން އުވާލުމާއެކު ގިނަ ބައެއްގެ ޝުކުރު ރައީސް ސޯލިހުއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވީ ރައީސް ސޯލިހު މި ގޮތުގައި ދެމިހުންނެވިހާ ހިނދަކު ތިއްބަވާނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ. ނުރަނގަޅުކޮށް ކަމެއް ދާހިނދު އެކަން ފާހަގަކުރުމުގައި ފަސްނުޖެހޭނެ ކަމަށް އިޔާޒު ވިދާޅުވިއެވެެ.