ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތަށް ގެންނަން ހުށަހެޅި ބަދަލަކީ ދައުލަތުގެ މާލީ ނިޒާމު ގަޑުބަޑުކޮށް، ޒިންމާދާރުކަން ކުޑަގޮތެއްގައި އަމަލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޒިންމާދާރުކަމާއެކު މުޅި ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ވަގުތު ހޯދުމަށް ގެނެވޭ އިސްލާހެއްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓެއް ކޮންމެ ސަރުކާރަކުން ވެސް ތައްޔާރު ކުރުމަށް ލާޒިމުކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ.
ގާނޫނު މިހަރު އންނަ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރ އެކުލަވާލައި ގެޒެޓުގައި ޝާއިއު ކުރަން ޖެހެއެވެ. އެހެން ނަމަވެސް ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިސްލާހުގައި ވަނީ ހަ މަސް ދުވަހުގެ ބަދަލުގައި ފުރަތަމަ ޗާޓަރު ހަދަން ޖެހޭ މުއްދަތު 24 މަހަށް އިތުރުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ، މިއީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދިވެހި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށެވެ.
ގައުމުގެ ހާލަތު ރަނގަޅުކޮށް، ހަރަދުތައް ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތައް އަބަދުވެސް ކުރާކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި އިސްލާހަކީ، ކުރީގެ ސަރުކާރުން ދައުލަތުގެ މާލީ ނިޒާމު ގަޑުބަޑުކޮށް، ޒިންމާދާރުކަން ކުޑަގޮތެއްގައި އަމަލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޒިންމާދާރުކަމާއެކު މުޅި ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ވަގުތު ހޯދުމަށް ގެނެވޭ އިސްލާހެއްކަމަށް ޝުޖާއު ވިދާޅުވި އެވެ. ހާއްސަކޮށް، ފިސްކަލް ރެސްޕޮންސިބިލިޓީ ޗާޓަރ އަކީ ދައުލަތުގެ ހެޔޮވެރިކަމާއި ވިސްނުންތެރި މާލީ މެނޭޖްމަންޓުގެ ބިންގަލަކަށް ވާތީ، މި ބިލުން ދެމެހެއްޓެނިވި މާލީ ސިޔާސަތުތަކާއި ދައުލަތުގެ ހަރަދުތަކަށް ޖަވާބުދާރީކުރުމާއި، މުޅި ގައުމުގެ އިގްތިސާދީ ހަމަޖެހުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމުގައި މުހިންމު ރޯލެއް އަދާކުރާނެކަމަށް ޝުޛާއު ވިދާޅުވި އެވެ.
މީގެ ކުރިން އެމްޑީޕީގެ ވެރިކަން އޮތްއިރު ވެސް އަޅުގަނޑުމެންނަށް އިވިގެންދޭ މާލީ ވުޒާރާތަކުން އައިއެމްއެފް ވެސް ވޯލްޑް ބޭންކުން ވެސް އެ ބޭފުޅުން ދެއްވާ ރެކޮމެންޑޭޝަންތައް އެބަހުރި އަޅުގަނޑުމެން މާލިއްޔަތު ކޮމިޓީން ވެސް ފެންނަން ހުރީ… އެކަމަކު އެއްވެސް ރެކޮމެންޑޭޝަނަކަށް އަމަލު ނުކުރައްވައި އެ ބޭފުޅުން ދެއްވާފައި އޮތް އެއްވެސް ލަފަޔަކަށް ބެލުމެއް ނެތީ، ދިވެހިރާއްޖޭގެ މާލީ ކަންކަން ކުރިއަށް ގޮސްފައި އޮތްކަން އަޅުގަނޑުމެންނަނަށް ފެންނަން އޮތަތީވެ، މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކުރުމަށްޓަކައި ގެނެވިގެންދާ އިސްލާހެއްކަން ފާހަގަކޮށްލަން
ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ ކޮންމެ ރައްޔިތެއް ވެސް ގަބޫލު ކުރާ ހަގީގަތެއްކަމަށާއި، އެހެން ނަމަވެސް ހަގީގަތަކީ މި ސަރުކާރާއި ގައުމުގެ ވެރިކަން ހަވާލުވިއިރު މާލީ ހާލަތު އިންތިހާއަށް ގޯސްވެފައި އޮތުންކަމަށެވެ. މީގެ ކުރިން، އެމްޑީޕީގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީއާއި، އައިއެމްއެފް އާއި ވޯލްޑް ބޭންކުން ދީފައިވާ އެއްވެސް ލަފައަކަށް ބެލުމެއް ނެތި، މާލީ ކަންކަން ކުރިއަށް ގެންގޮސްފައިވާކަން ޝުޖާއު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކުރުމަށް ޓަކައި މިފަދަ އިސްލާހެއް އޮތީ ބޭނުންވެފައި ކަމަށެވެ.
މި އިސްލާހު މުހިންމުވަނީ މި އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމައި އެކު، ދަތިތައް ހައްލުކުރުމަށްޓަކައި ދައުލަތުގެ ޒިންމާގެ ޗާޓަރު އިތުރަށް ހަރުދަނާކުރެވިގެން ދިޔުމުގެ އިތުރުން، ހަރުދަނާ ފައިނޭންޝަލް ޕްލޭނިންގ އާއި ރިޕޯޓުކުރުމަށް ހުރަސްއެޅޭނެ ޕްރެކްޓިކަލް ހުރަސްތައް މުޅިން ނައްތައިލެވިގެން ދިއުންކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

