ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާއި ރައްކާތެރިކަމާ ގުޅިގެން، ދައުލަތުގެ ހަޒާނާ ލޫޓުވާލައިގެން އަމިއްލަ ގެދޮރު ހައްދަވާފައިވާ ބައެއް ރައީސުންނަށް އޮފީސް ހިންގުމަށް ދޭ 175،000 ރުފިޔާގެ އެލަވަންސް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސުންނަށް އިނާޔަތްތަކާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅި އިސްލާހުގައި ވަނީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ލިބޭ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލުމަށެވެ.
އިސްލާހުގައި ވަނީ ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާނަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމެއް ނޫންކަމަށެވެ. ނަމަވެސް އެބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭންވާނެކަމަށް ބިލުގައި ވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގައި ވަނީ ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ނުލިބޭނެ ކަމަށެވެ.
އިސްލާހުގެ ބަހުސްގައި ފަލާހު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ލިބޭ އިނާޔަތާއި ރައްކާތެރިކަމަކީ، އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައި މަގާމުން ވަކިވެ ތިއްބަވާ ބޭފުޅުންނަށް ލިބެން ޖެހޭ އިނާޔަތެކެވެ. އެއީ ގައުމެއްގެ ނިސްބަތުން އާދައިގެ މީހަކު ގައުމަކަށް ކުރާ ހިދުމަތުގެ އެތައް ސަތޭކަ ގުނައެއް ބޮޑު ހިދުމަތެއް ރައީސުލްޖުމްހޫރިއްޔާ އަދާކޮށްދެއްވާތީކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ދިވެހިރާއްޖެ ފަދަ އާބާދީ ކުޑަ، އިގްތިސާދީ ގޮތުން ހީނަރު އަދި ސިޔާސީ ހަމަނުޖެހުން ބޮޑު ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބުރަ އަދި އުނދަގޫ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސުންގެ އަމަލުތައް ހުރީ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ މަސްއޫލިއްޔަތާއި އަމަލުތަކާއި ގުޅޭގޮތުން ގާނޫނުގައި ބަޔާން ކުރާ ގޮތަށްތޯ ފަލާހު ސުވާލު އުފެއްދެވި އެވެ.
ގާނޫނުގެ 8 ވަނަ މާއްދާގައި މިހާރު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރުމަށާއި، ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރާއި ގުޅިގެން ކަންކަން ކުރުމަށްޓަކައި އޮފީހެއް ހިންގުމަށްޓަކައި މަހަކު 175،000 ރުފިޔާ ދެއެވެ. ފަލާހު ވިދާޅުވީ މިއީ ވަރަށް ބޮޑު ހަރަދެއް ކަމަށާއި، 5 ރައީސުންނަށް މި އިނާޔަތުގެ ގޮތުގައި މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށެވެ.
ފަލާހު ވަނީ ފަސް ރައީސުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ”މައުމޫން ފައުންޑޭޝަން“ ގެ ނަމުގައި ހިދުމަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. އަދި ސިޔާސީ ކަންކަމާއި ދުރުގައި ހުންނަވައި، އޭރުގެ ސަރުކާރަކަށް ގެއްލުންވާނެ ގޮތަކަށް ވާހަކަ ދައްކަވާތަން ނުފެންނަކަމަށް ވިދާޅުވި އެވެ.
ބައެއް ބޭފުޅުންގެ ވެރިކަމުގައި ހިޔާނާތްތައްވެ، ދައުލަތުގެ ހަޒާނާއިން ވައްކަންކޮށް ބޮޑެތި އިމާރާތްތައް އަޅާފައިވާކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ސީދާ ނުގެންނަވައި، ފަލާހު ވިދާޅުވީ އެއީ ކޮން ބޭފުޅެއްކަން ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެ ކަމަށެވެ.
ފަލާހު ވިދާޅުވީ ދައުލަތުގެ ހަޒާނާއިން ވައްކަންކޮށްގެން ހަދާފައިވާ އިމާރާތެއްގައި އަމިއްލައަށް ސިޔާސީ މަސައްކަތްކުރާ ނަމަ، ދައުލަތުން ފައިސާ ލިބިގެން އެކަން ކުރަނީ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތް ލޫޓުވައި އަމިއްލަ ދިރިއުޅޭނެ ގެތައް ހެއްދެވި ބޭފުޅުންނަށް މަހަކު އެ އިނާޔާތް ދޭން ޖެހޭކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ވެރިކަން ކުރެއްވިއިރުގައި ބައެއް ރައީސުން އެބަހުރި ދައުލަތުގެ ހަޒާނާއިން ވަރަށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ވަރަށް ބޮޑެތި ގެތައް ވެސް އަޅުއްވާފައި. އެހެންވީމާ ހަގީގަތުގައި އެ ގޭގޭގައި ވެސް މި އިނާޔަތް ނުދިންކަމުގައި ވިޔަސް އޮފީސް ހިންގުމަކީ ހަގީގަތުގައި ހަމަ ދައުލަތުން ފައިސާ ދީގެން އޮފީސް ހިންގުން ކަމަށް ރައްޔިތުންނަށް ބެލެވޭނީ އެއީ ދައުލަތުގެ ހަޒާނާއަކުން ވައްކަންކޮށްގެން އެ ކޮށްފައި ހުންނަ އިމާރާތެއްގައި އަމިއްލައަށް ސިޔާސީ މަސައްކަތް ކުރާކަމަށް ވަންޏާ ހަމަ ދައުލަތުން ފައިސާ ލިބިގެން އެކަން އެ ކުރަނީ އެއީ އެކަން ގަބޫލުކުރެވޭނެ ގޮތަކީ އެހެންވީމާ އެގޮތަށް ތިބި ވެރިން ވެސް މި 5 ވެރިންގެ ތެރޭ ބައެއް ވެރިން އެބަތިބި.. އެއީ 5 ވެރިން ތިބީމާ ކޮންމެހެން އެ ބޭފުޅެއްގެ ނަން ނުދެންނެވިޔަސް ދިވެހި ރައްޔިތުންނަށް އެއީ ކޮން ބޭފުޅެއްކަން. މި ވަރަށް ދެންނެވީމަ އެނގޭނެ… މި 5 ވެރިން ތެރެއިން ކޮންބޭފުޅެއްކަން ދައުލަތް ލޫޓުވާލައިގެން އަމިއްލަ ގެދޮރު ހައްދަވާފައި ހުރީ.. އެހެންވީމާ އެ ބޭފުޅުންނަށް ހަގީގަތުގައި މަހަކު 175،000 ރުފިޔާގެ މި އިނާޔަތަކީ ދޭންޖެހޭނެ އިނާޔަތެއް ކަމަށް ގަބޫލެއް ނުކުރެވޭ.
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންނަށް ދޭ އިނާޔާތެއްގެ ގޮތުގައި 19 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައީސް މުހައްމަދު ވަހީދު ހަސަންއާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެލަވެންސްތަކުގެ ތެރޭގައި ހިމެނެނީ ފައިސާގެ އިނާޔަތާއި، ލިވިން އެލަވެންސް، އަދި އޮފީސް ހިންގުމަށްދޭ ހަރަދާއި، ބޭސްފަރުވާގެ ހަރަދެވެ. އަންނަ އަހަރު ރައީސް މައުމޫނަށް ޖުމްލަ އިނާޔަތްތަކުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ އަދި ރައީސް ޑރ. މުހައްމަދު ވަހީދަށް 3.4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 4 މިލިއަން ލިބިވަޑައިގަންނަވާނެ އެވެ.

