ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހާއްސަ ޕޯޓަލްއެއް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ފާހަގަވާނަމަ ރިޕޯޓުކުރުމަށް އެދޭކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލުކުރުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކުރެވުނު ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި، ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕްރޮގްރާމެއް ފަށައި، މިހާރު އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ މީހުންނަށެވެ. އެގޮތުން، ގާނޫނާއި ގަވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގައި، އެކަމުގައި އުޅޭ ބިދޭސީންތައް ދެނެގަނެ، ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ ސަރަހައްދުތަކާއި، ވިޔަފާރިތައް ދެނެގަތުމަށް ހާއްސަ ގައުމީ ޕްރޮގްރާމެއް ފެށިކަން އިއުލާނުކޮށްފަ އެވެ.

މި މަސައްކަތާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ ސަރުކާރުގެ އިދާރާތަކަށް އަބަދުވެސް ލިބެމުންދާ ޝަކުވާތަކުން، ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައިގަނޑު ދެ ގޮތެއް ދެނެގަނެވިފައިވެއެއެވެ. ބައެއް ބިދޭސީން ދިވެހިން ނިވާފަތްގަނޑަކަށް ވެ މަސައްކަތް ކުރަމުންދާއިރު، ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ އޮގަސްޓް 22 ގައި ފާސްކޮށް، ސަރުކާރުގެ ގެޒެޓުގައި ސެޕްޓެންބަރު 3 ގައި ޝާއިޢުކުރެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނު މިނިސްޓްރީން ފާހަގަކުރި އެވެ. އެގޮތުން މި ގާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، 2025 އޮކްޓޫބަރު 8 ގައި އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވާނެކަމަށް ވެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ، އެ މައުލޫމާތު ރިޕޯޓުކުރުމަށް މިނިސްޓްރީން ތިން ގޮތެއް ކަނޑައަޅާފައި ވެއެވެ.

  1. އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ރިޕޯޓުކުރުން.
  2. މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް (ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް) ގުޅައި ރިޕޯޓުކުރުން.
  3. އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) މެދުވެރިކޮށް ރިޕޯޓުކުރުން.

މިނިސްޓްރީން ބުނީ އާންމުންގެ ފަރާތުން ލިބޭ ރިޕޯޓުތަކާއި އެކު، އަވަސް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. މިކަމަށްޓަކައި ހޯމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުންނާއި، އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ ނަމުގައި  ހާއްސަ ޓާސްކްފޯސްއެއް ވަނީ ގާއިމުކޮށްފަ އެވެ.

މީގެއިތުރުން ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރިކުރާކަމުގެ މައުލޫމާތު ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ވެބްސައިޓް މެދުވެރިކޮށް ވަނީ ހަމަޖައްސާފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: