ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“ އަށް މޫޑީޒްއިން ބަދަލުކުރުމަކީ، ސަރުކާރުން ކުރިއަށްގެންދާ އިގްތިސާދީ އިސްލާޙުތަކުގެ ހެޔޮ އަސަރުކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މޫޑީޒް ރޭޓިންގސް އިން އިއުލާނުކޮށްފައިވާ ރޭޓިންގ އެކްޝަންއިން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް މިހާރު ވަނީ ”ސްޓޭބަލް“ އަށް ބަދަލުކޮށްފައެވެ.
ކްރެޑިޓް ރޭޓިންގެ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލު ކުރުމުން، އެކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ މިއީ މިދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާފައިވާ މާލީ ހަރުދަނާ ސިޔާސަތުތަކާއި، އަދި މިހާރު ވެސް ތަންފީޒު ކުރަމުން ގެންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން އެނގިގެންދާކަމަށް ވަނީ ބުނެފަ އެވެ.
މިއީ ކުރިއެރުމެއްކަމަށް ފާހަގަކޮށް ފިނޭންސް މިނިސްޓަރ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އައުޓްލުކްއިން ދައްކައިދެނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިގްތިސާދާއި މާލީ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަމެވެ. އަދި ވިދާޅުވީ، ބޭރުގެ ނާޒުކުކަންތައްތަކަށް ހައްލު ހޯދުމަށާއި، ގައުމުގެ މާލީ ހާލަތު ވަރުގަދަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.
މިނިސްޓަރ ފާހަގަކުރެއްވި މުހިންމު އިސްލާޙުތަކުގެ ތެރޭގައި ބޭރުގެ ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުމާއި، ޑޮލަރުގެ އާމްދަނީ އިތުރުވުން ހިމެނެ އެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެހީތެރިވެފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދަށް މިސްރާބަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް އެހީތެރިވެފައިވާކަމަށެވެ. ސަރުކާރުގެ އިގްތިސާދީ އިސްލާހުތަކުގެ އެޖެންޑާ ކުރިއަށްގެންދާއިރު، މާލީ ހާލަތު ހަރުދަނާކުރުމަށާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް މޫޑީސްއިން ނެރުނު ބަޔާނުގައި ވަނީ ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމަށެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައިވާކަމަށް ވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާއެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައިކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީސްގެ ނޫސްބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފައެވެ.
2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ. ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ Caa2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ވަނީ ރާވާފައެވެ.
ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ޤައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިންގ ހޯދާފައިވާކަމާއި، ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ދައްކައިދީފައިވާކަމަށް މޫޑީޒްގެ މި ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ޤައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެކެވެ.
ސަރުކާރުގެ އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް، ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާ ގޮތުގެ މަތިންނެވެ.

