ރާޢްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ކެބިން ކްރޫން ހޯދަން އިއުލާންކޮށްފިއެެވެ.
އައިލެންޑު އޭވިއޭޝަނުނުން ބުނީ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ކެބިން ކްރޫން ހޯދުމަށްޓަކައި، އިންޓިވިއު ކުރިއަށް ދިޔުމަށް ހަމަޖެހިފައިވާ ތާރީހަކީ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އެގޮތުން، އިންޓަވިއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އެސްޓީއޯ ޓްރެއިނިންގސެންޓަރުގެ ހަތަރު ވަނަ ފަންގިފިލާގަ އެވެ.
އިންޓަވިއު ކުރިއަށް ގެންދާނީ، އެ ދުވަހުގެ ހެނދުނު 9:30 އިން 14:30 އަށެވެ.
ކެބިން ކުރޫންގެ ވަޒީފާއަށް ހުށަހަޅާ ފަރާތަކީ، 18 އަހަރާއި 35 އަހަރުގެ ދެމެދުގެ އުމުރުގެ މީހަކަށް ވާންޖެހޭއިރު، އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް ވާހަކަދައްކަން ޖެހޭ ފަރާތަކަށް ވާންޖެހެއެވެ.
މީގެއިތުރުން، އޯލެވެލް ނުވަތަ އެއަސް ވުރެ މަތީ ތައުލީމީ ފާހެއް އޮތް މީހަކަށްވެސް ވާންޖެހެއެވެ.
ހަމައެއާއިއެކު، ފިރިހެނެއްނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު ހަތަރު އިންޗި ހުންނަން ޖެހޭއިރު، އަންހެނެއްނަމަ އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހުންނަން ޖެހޭކަމަށް، އިއުލާނުގައިވެއެވެ.
ދާދިފަހުން، މޯލްޑިވިއަނުން ވަނީ، ގައުމީ އެއާލައިން، މޯލްޑިވިއަނުން، އިންޑިއާގެ ކޮޗިންއަށާއި ޓްރިވެންޑްރަމަށް ކުރާ އުދުހުންތަކުގެ އަދަދު އިތުރުކޮށްފައެވެ. މިއީ، އެ ކުންފުނީގެ އުދުހުންތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
މީގެއިތުރުން، ގައުމީ އެއާލައިނުން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަމުން އަންނައިރު، ދާދިފަހުން، ރާއްޖެތެރެ ނުވަތަ ޑޮމެސްޓިކް އުދުހުންތަކުގެ ތެރެއިން، ށ. އަތޮޅު ފުނަދޫ އެއާޕޯޓަށް ކުރާ އުދުހުންތަކުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.
މީގެއިތުރުން، އެ އެއާލައިންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް، އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

