ހުޅުމާލެ ފޭސް 3 ހިއްކުމަށް މިހާރު ބޭނުންކުރަނީ 2 ޑްރެޖަރ ކަމަށް ރަސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމަށް އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކުރާ ކަމަށެވެ. މި މަސައްކަތް ރައީސް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން ނޮވެމްބަރު 25ގައި ރައީސް ވިދާޅުވީ އެ ޑްރެޖަރުން އެ ސަރަހައްދު ހިއްކައި އަންނަ މަހު ނިޔަލަށް އެ ތަން ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރަށް ގިރަވާރުފަޅުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތުގެ އެންވަޔަރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިމުނުހާ އަވަހަކަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އެތަން ހިއްކަން ފަށާނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން ބޭނުންކުރާ ދެ ޑްރެޖަރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތްތައް 2 މަސް ނުވަތަ 3 މަސް ތެރޭގައި ނިމޭނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މި ސަރުކާރުން ގެންދަނީ މުހިންމު ސިޔާސަތުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.

