ގަވައިދާ ހިލާފަށް މަސައްކަތްކޮށް، ވިޔަފާރި ކުރަމުންދާ ބިދޭސީން ރިޕޯޓުކޮށްދިނުމަށް އެދި އިއުލާނު ކުރުމުން 14 ގަޑިއިރުގެ ތެރޭގައި 29 މައްސަލައެއްގެ ރިޕޯޓު ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލުކުރުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކުރެވުނު ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި، ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕްރޮގްރާމެއް ފަށައި، މިހާރު އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ މީހުންނަށެވެ. އެގޮތުން، ގާނޫނާއި ގަވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގައި، އެކަމުގައި އުޅޭ ބިދޭސީންތައް ދެނެގަނެ، ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ ސަރަހައްދުތަކާއި، ވިޔަފާރިތައް ދެނެގަތުމަށް ހާއްސަ ގައުމީ ޕްރޮގްރާމެއް ފެށިކަން އިއުލާނުކޮށްފަ އެވެ.
ރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ފާހަގަވާނަމަ ރިޕޯޓުކުރުމަށް މިނިސްޓްރީން އިއުލާނު ކުރީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެއީ މިނިސްޓްރީގެ ވެބްސައިޓް އަދި، އިމިގްރޭޝަން ވޮޗްއާއި ހޮޓްލައިން މެދުވެރިކޮށެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން އިއުލާނު އާންމު ކުރިތާ 14 ގަޑިއިރުގެ ތެރޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ 29 ތަނެއްގެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ.
ސައީދު ވިދާޅުވީ މި މަސައްކަތަށް ރައީސް އުފައްދަވާފައިވާ ޓާސްކް ފޯސްގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ. އަދި ޕޯޓަލްއަށް ރިޕޯޓުތައް ލިބެމުންދާ ވަރަކުން އެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ އާންމުންގެ ފަރާތުން ލިބޭ ރިޕޯޓުތަކާއި އެކު، އަވަސް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. މިކަމަށްޓަކައި ހޯމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުންނާއި، އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ ނަމުގައި ހާއްސަ ޓާސްކްފޯސްއެއް ވަނީ ގާއިމުކޮށްފަ އެވެ.
މީގެއިތުރުން ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރިކުރާކަމުގެ މައުލޫމާތު ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ވެބްސައިޓް މެދުވެރިކޮށް ވަނީ ހަމަޖައްސާފަ އެވެ.

