ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި ތިއްބެވި ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު ހައިކޯޓަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އޮތީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ކުރިިން ގެނެސްފައި އޮތް އިސްލާހެއްގެ ދަށުންނެވެ. އެ ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ހާތިފް އާއި ގާޒީ މަޒީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ އެ ކޮމިޝަންގެ ބޭއްވި ޖަލްސާގައި ކަމަށެވެ.
ސިވިލް ކޯޓުގައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތައް ބައްލަވާ ގާޒީ ހާތިފް އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2009 ވަނަ އަހަރު އެވެ. ކުރިން މެޖިސްޓްރޭޓް ކަން ކުރެއްވި މަޒީދު ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރު އެވެ.
ހައިކޯޓު ފަނޑިޔާރުންނަށްނ މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭނެއެވެ. އަދި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.

