ޅ، މާބިންހުރާ މައްސަކައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްއާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އުފުލާފައިވާ ދައުވާގެ މައްސަލަ ދައުލަތުން އަނބުރާ ނަގައިފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިޔުޓަރ ޖެނެރަލް ޢައިޝަތުު ބިޝާމް ވިދާޅުވީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އަދީބުގެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަން އެންމެ ފަހުން ބޭއްވި ޝަރީޢަތުގައި ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި މައްސަލަ އަނބުރާ ގެނެއީ ދައުލަތާއި އަދީބްއާއި ދެމެދު ގާއިމް ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީގެ ތަހުގީގަށް އަދީބް އެއްބާރުލެއްވުން ދެއްވަމުން ގެންދަވަތީ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މި މައްސަލައިގައި އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީޢަތުގައި ދައުލަތުން ދައުވާ އަނބުރާ ގެންދަން ބޭނުންވާ ވާހަކަ ދެންނެވުމުން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވަނީ ނުރުހުންވެ ވަޑައިގެން ދައުލަތަށް އިންޒާރު ދެއްވާފައެވެ.
އެގޮތުން އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލް ވިދާޅުވީ ޅ، މާބިންހުރާ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ދައުލަތުން ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރުސީން އެކިއެކި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އަދީބް އިއުތިރާފް ވެވަޑައިގެންފައިވާ ކަމަށާއި އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ދައުލަތަށް އެއްބާރުލުން ދިނުމަށް އަދީބް ނިންމަވައި ދައުލަތާއިއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ޅ، މާބިންހުރާގެ މައްސަލަ މިވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ދައުލަތުން ބޭނުން ނުވާ ކަމަށް ޕީޖީގެ ވަކީލް ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލްގެ އެ ވާހަތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަކީ ޕީޖީ އޮފީހުގެ ސެކްޝަނެއް ނޫން ކަމަށާއި ޕީޖީ ބޭނުންވާހާ ގޮތަކަށް ސުޕްރީމް ކޯޓުގައި ޝަރީޢަތްައް ޕާކް ކޮށްފައި ނުބެހެއްޓޭނެ ކަމަށެވެ. އަދި ޕީޖީގެ ޒިންމާއަކީ މައްސަލަތަކުަގައި ދައުވާ އުފުލުމާއި ނުވަތަ ދައުވާ ނުކޮށް ދޫކޮށްލުން ކަމަށާއި ނަމަވެސް ޅ، މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލައި ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ޕީޖީއަށް މިހާތަނަށް ވެސް ކަނޑައެޅިފައި ނުވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް ދެ ދުވަސް ތެރޭގައި މައްސަލައާއި މެދު ގޮތެއް ކަނޑައެޅުމަށް އުއްތަމަ ފަނޑިޔާރު ޕީޖީއަށް އެންގެވިއެވެ.
ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރި ވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން އަދީބަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހައިކޯޓުން ވަނީ އެ ހުމުމް ބާތިލް ކޮށްފައެވެ. އަދި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ. ނަމަވެސް ޕީޖީ ނިންމެވީ ޅ، މާބިންހުރާގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކުރިއަސް ގެންދިއުމުގެ ބަދަލުގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށެވެ.

