ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ދިޔަ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ބުނެފިއެވެ.
ޖޭއެސްސީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދުގެ ސުލޫކީ މައްސަލަ ނިންމުމަށް ފަހު ތަހުގީގު ރިޕޯޓް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ އުއްތަމަ ފަނޑިޔާރުގެ ކޮން ސުލޫކީ މައްސަލައެއްގެ ތަހުގީގު ރިޕޯޓް ކަމެއް ޖޭއެސްސީން ހާމަ ކޮށްފައެއް ނުވެއެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ޑޜ އަހުމަދުގެ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެމަނިކުފާން ޖޭއެސްސީއަށް ހާޒިރުވުމަށް ވެސް އެންގިއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ސުލޫކީ މައްސަލައިގެ ނަމުގައި މައްސަލަތައް އުފެއްދުން ހުއްޓާލާ ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ހުރަސް ނޭޅޭނެ ފަދަޔަކުން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާގޮތުގައި އެމަނިކްފާނާއި ދެކޮޅަށް ބަލަން ނިންމާފައިވާކަމަށް ބުނާ މައްސަލައަކީ ފަނޑިޔާރުންނާ ދެކޮޅަށް އުފުލުން ޤާނޫނީގޮތުން ހުއްދަކުރާ ސުލޫކީ މައްސަލައިގެ މަފްހޫމަށް ފެތޭ މައްސަލައެއް ނޫނެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޖޭއެސްސީގެ ތަޙުޤީޤަށް ޙާޒިރުވުމުގެ އަމުރަށް އެމަނިކްފާނު ޙާޒިރުނުވި ޤާނޫނީ ސަބަބުތަކާއި ޙައިޘިއްޔާތުތައް ބަޔާންކޮށް މީގެކުރިން ސިޓީއެއް ފޮނުވާފައި ވާނެކަމަށެވެ.
ޖޭއެސްސީއިން ބަލަން ނިންމި މައްސަލަތަކުގެ ގޮތުގައި 15 (ފަނަރަ) ކަމެއް ހިމަނައިފައި ވާއިރު، އޭގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ މޭންޑޭޓުގެ ދަށުން އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިގެންވާ ފަދަ ސުލޫކީ އެއްވެސް މައްސަލައެއް ނެތްކަމަށާއި، އެއިން ކޮންމެ ކަމަކީ ވެސް ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ޤަޟާއީ ގޮތުން ނިންމައިފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓުން ވިޔަސް، އަދި އެހެން ކޯޓަކުން ވިޔަސް، ނިންމައިފައިވާ އެފަދަ ޤަޟާއީ ނިންމުމެއް މުރާޖަޢާ ކުރުމާއި، އޭގެ ޞައްޙަކަން ބެލުމާއި، އެއީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި ނޮން- ޖުޑީޝަލް އެއްވެސް އިޖުރާއާތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ތަންދޭ، އަދި ޤާނޫނުއަސާސީ ދަންނަ ކަމެއް ނޫންކަމަށާއި،
އެފަދަ އިޖުރާއާތެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިޔަސް، އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ބާޠިލު ޢަމަލެއްކަމުގައި މެނުވީ ނުވާނެކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވެއެވެ.
މީގެކުރިން ޖޭއެސްސީއިންވަނީ އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމާފައެވެ. ނަމަވެސް އެކަންވެސް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅެއް ނުކުރެއްވިއެވެ. ޖޭއެސްސީއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ނަސޭޙަތް ދިނުމަށް ނިންމިކަމަށް ބުނެ ފޮނުވި ލިއުމަކާ ޙަވާލު ނުވެ އަނބުރާ ކޮމިޝަނަށް ފޮނުވާލެއްވީ ލިއުން ސުޕްރީމް ކޯޓުގެ ސަރކިއުލަރ އާއި ޚިލާފަށް އެޑްރެސްކޮށް ފޮނުވާފައިވާ ލިއުމެއްކަމަށް ވާތީ އެ ލިއުން އިޞްލާޙުކުރުމުގެ މަޤްޞަދުގައިކަމަށެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމައިފައެވެ.

